ދައުލަތުގެ އިދާރާތަކަށް މުދަލާއި ޚިދުމަތް ފޯރުކޮށްދީގެން ވިޔަފާރިތަކަށް ލިބެންޖެހޭ ނަމަވެސް ނުލިބި ހުރި ފައިސާ، އެ ވިޔަފާރިތަކުން ދައުލަތަށް ދައްކަންޖެހޭ ޓެކުހުން އުނިކޮށްދިނުމުގެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިފިއެވެ.
މާލީ އަދި ދައުލަތުގެ ވިޔަފާރިތަކާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، ދައުލަތުގެ އިދާރާއަކުން ފައިސާ ނުލިބިވާ ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކުހާ އެ ފައިސާ އަޅާކެނޑުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ހުށަހެޅޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން ހުށަހަޅާއިރު، ފައިސާއާ ގުޅުންހުރި އެންމެހައި ތަފުސީލުތައް މީރާގެ އުސޫލާ އެއްގޮތަށް ހުށަހެޅުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.
މި އިންތިޒާމުގެ ދަށުން:
- – ކުދި އަދި މެދުފަންތީގެ ވިޔަފާރިއަކުން ދައްކަންޖެހޭ ޓެކުހުގެ އަދަދު ދައުލަތުން ދޭންޖެހޭ ފައިސާއަށްވުރެ އިތުރުވާނަމަ، ދައުލަތުން ދޭންޖެހޭ ބައި އުނިކުރުމަށްފަހު ބާކީ އޮތް އަދަދު ވިޔަފާރިން މީރާއަށް ދައްކަންޖެހޭނެއެވެ.
– ދައުލަތުން ދައްކަންޖެހޭ ފައިސާގެ އަދަދު ޓެކުހަށްވުރެ އިތުރުވާ ހާލަތްތަކުގައި، ޓެކުހުގެ އަދަދު ކަނޑައި ނިމުމުން ބާކީވާ ފައިސާ ސަރުކާރުން އެ ވިޔަފާރިއަކަށް ދައްކައި ޚަލާޞްކުރާނެއެވެ.
މިފަދަ ލުޔެއް ދިނުމަށް ސަރުކާރުން މި ނިންމީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި ބޭއްވެވި މަޝްވަރާތަކުގައި، ދައުލަތުން ލިބެންޖެހޭ ފައިސާ ނުލިބި ލަސްވާތީ ވިޔަފާރިވެރިން ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެންނެވެ. އެ ބައްދަލުވުމުގައި ވިޔަފާރިވެރިން އެދުނު ފަދައިން، ގާނޫނީ ގޮތުންނާއި އުސޫލީ ގޮތުން ވިޔަފާރިތަކަށް ލުއި ގޮތްތަކެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.



