ދިވެހިރާއްޖޭގެ 38 ވަނަ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ޝަހީދުންގެ ބިނާ ސަރަހައްދުގައި ބޭއްވި ދިދަ ނެގުމާއި ގާޑް މައުންޓްކުރުމުގެ ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޝަހީދުންގެ ބިނާ ހުންނަ ސަރަހައްދަށް ވަޑައިގަތުމުން މަރުޙަބާ ދެންނެވީ ދިފާޢީ އަދި ޤައުމީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދެވެ. މި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ދައުލަތުގެ އިސް ވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަހަރުގެ ނަސްރުގެ ދުވަހުގެ ހަރަކާތްތައް ފަށާފައިވަނީ އިސްލާމީ މަރުކަޒުގައި ބޭއްވި ޖަމާޢަތުގައި ކުރެވުނު ފަތިސް ނަމާދުންނެވެ. އެއަށްފަހު ދިދަ ނެގުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވާއިރު، މި ދުވަހާ ގުޅިގެން މިއަދު އިތުރު ހަރަކާތްތައް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ދިވެހިރާއްޖޭގައި ނަސްރުގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރަނީ 1988 ނޮވެމްބަރު 3 ގައި ދިވެހިންގެ މަދު ޚާއިނުންތަކަކާ ގުޅިގެން ސްރީލަންކާގެ ޕްލޯޓް ޖަމާޢަތުގެ ކުލީ ސިފައިން މާލެއަށް ދިން ޢުދުވާނީ ޙަމަލާ، ދިވެހި ސިފައިންނާއި އިންޑިއާ ސިފައިންގެ އެހީތެރިކަމާއެކު ނާކާމިޔާބުކޮށްލައި ދިވެހި ޤައުމަށް ނަޞްރު ލިބުނު މުނާސަބަތު ފާހަގަކުރުމުގެ ގޮތުންނެވެ.



