ހަދައި ނިމިފައިވާ ދިވެހި ޕާސްޕޯޓުތަކާ ލަސްނުކޮށް ހަވާލުވުމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު އާންމުންނަށް އިލްތިމާސްކޮށްފިއެވެ.
އިމިގްރޭޝަނުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، ޕާސްޕޯޓް ޕްރިންޓްކޮށް ހަވާލުކުރުމަށް ތައްޔާރުވެފައި ހުރި ނަމަވެސް، ގިނަ އަދަދެއްގެ މީހުން ޕާސްޕޯޓާ ހަވާލުވާން ނާންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ހަދައި ނިމިފައިވާ ޕާސްޕޯޓްތައް އެ އިދާރާގައި ބެހެއްޓޭނީ އެންމެ ގިނަވެގެންވެސް ހަ މަސްދުވަހުގެ މުއްދަތަކަށް ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އަދި އެ މުއްދަތު ހަމަވުމަށްފަހު، ހަމަޖެހިފައިވާ އުސޫލުގެ ދަށުން އެ ޕާސްޕޯޓުތައް ނައްތާލާނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.
އެ އިދާރާއިން ފާހަގަކުރި ގޮތުގައި، ޕާސްޕޯޓު ނައްތާލަން ޖެހިއްޖެ ހާލަތެއްގައި އަލުން ޕާސްޕޯޓު ހެއްދުމުގައި އުނދަގޫތަކާ ކުރިމަތިވެދާނެއެވެ. އެހެންކަމުން، ޕާސްޕޯޓް ތައްޔާރުވެ ހަވާލުވާން އެންގުމުން ލަސްނުކޮށް ޕާސްޕޯޓާ ހަވާލުވުމަށް ސަމާލުކަން ދިނުމަށް އިމިގްރޭޝަނުން ވަނީ އެދިފައެވެ.



