ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދާ ހިލާފުވެގެން ތިން ކުންފުންޏެއް ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށްފަހު، އެ ތަންތަނަށް ދޫކޮށްފައިވާ މަނީ ޗޭންޖިންގ ލައިސަންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބާތިލްކޮށްފިއެވެ.
އެމްއެމްއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި ފިޔަވަޅު އަޅާފައިވަނީ އެލްވީއާރު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި، މައިޒޯން އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން މޭޑް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑަށެވެ.
މީގެތެރެއިން އެލްވީއާރު އަދި މޭޑް މަނީ އެކްސްޗޭންޖް ކުރެން ކޮންމެ ކުންފުންޏެއް 250,000 ރުފިޔާއިން ޖޫރިމަނާކުރިއިރު، މައިޒޯން އެކްސްޗޭންޖް ވަނީ 500,000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.
ގަވާއިދާ ހިލާފަށް ބްލެކް މާކެޓުގައި ބޭރު ފައިސާ މާރުކުރަމުންދާ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށް އެމްއެމްއޭއިން ފާހަގަކުރެއެވެ. އެގޮތުން ފައިސާ މާރުކުރާ ތަންތަނުގެ މުއާމަލާތްތައް ގާތުން ބަލައި މޮނީޓާ ކުރަމުން އަންނައިރު، މީގެ ކުރިންވެސް ގަވާއިދާ ހިލާފުވި ބައެއް ފަރާތްތަކާމެދު ފިޔަވަޅު އަޅާފައިވާ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.



