މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.9 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ފަތުރުވެރިން އަންނަ މިންވަރަށް ހީނަރުކަމެއް އައި ނަމަވެސް، މާކެޓިން މަސައްކަތްތަކާއެކު މި އަހަރު ނިމޭއިރު ޖުމްލަ އަދަދު މިދިޔަ އަހަރަށް ވުރެ އިތުރުވާނެ ކަމަށް ސަރުކާރުން ވަނީ އަންދާޒާކޮށްފައި ވީނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އަދަދުތައް ކޮންމެވެސް ވަރަކަށް ދަށެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި 1.96 މިލިއަން ފަތުރުވެރިން އައިއިރު، މި މަހުގެ މިހާތަނަށް އައިސްފައިވަނީ 103,778 ފަތުރުވެރިންނެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެ އަދަދު އުޅުނީ 110,137 ގައެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ގައުމުތަކުގެ އެއްވަނައިގައި އޮތީ ޗައިނާ (342,376 ފަތުރުވެރިން) އެވެ. ދެވަނައިގައި ރަޝިއާ (272,052 ފަތުރުވެރިން) އޮތްއިރު، ދެން އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ އިނގިރޭސިވިލާތް (145,464)، ޖަރުމަނުވިލާތް (129,609) އަދި އިޓަލީވިލާތް (111,848) އިންނެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ބަޔަކު ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގައެވެ. އެއީ 1.37 މިލިއަން މީހުންނެވެ. މީގެ އިތުރުން ގެސްޓްހައުސްތަކުގައި 406,806 ފަތުރުވެރިން އަދި ހޮޓާތަކުގައި 41,457 ފަތުރުވެރިން ވަނީ ޗުއްޓީ ހޭދަކޮށްފައެވެ.
ފަތުރުވެރިކަމުގެ ޕީކް ސީޒަނާ ދިމާކޮށް މިވަގުތު ރާއްޖޭގައި 180 ރިސޯޓާއި، 927 ގެސްޓްހައުސްގެ އިތުރުން 17 ހޮޓަލާއި 164 ސަފާރީ އުޅަނދު ދަނީ އޮޕަރޭޓް ކުރަމުންނެވެ.



