އީރާންގައި ދިގުދެމިގެންދާ މުޒާހަރާތަކަށް ސަޕޯޓުކޮށް ދޮގު ހަބަރު ފަތުރާ ކަމުގެ ތުހުމަތުގައި އެ ޤައުމުގެ ފިލްމީތަރި ތަރާނާ އަލީދޯސްތީ ހައްޔަރުކޮށްފި އެވެ.
2017 ވަނަ އަހަރު އޮސްކާ ދަ ސޭލްސްމޭން ފިލްމަށް އޮސްކާ އެވޯޑުވެސް ހާސިލްކޮށްފައިވާ ތަރާނާ ހައްޔަރުކޮށްފައިވަނީ މުޒާހަރާތަކާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން ދަންޖައްސައި މެރި މުހްސިން ޝިކާރީއާ އެއްބައިވަންތަކަން ހާމަކޮށް، ސޯޝަލް މީޑިއާގައި ފޮޓޯއެއް އާންމުކުރިތާ ހަފުތާއެއް ފަހުންނެވެ.
ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ މި ފޮޓޯ، ލިންކް އަދި ވީޑިޔޯތަކާއި ގުޅިގެން އެހެން ފިލްމީތަރިންވެސް ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. ތަރާނާ ވަނީ އޭނާގެ އިންސްޓަގްރާމްގައި، މުޒާހަރާގެ ބައިވެރިންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ގޮތުން ތިން ފޮޓޯއެއް ޝާއިއުކޮށްފަ އެވެ. އަށް މިލިއަނެއްހާ މީހުން އޭނާގެ ފޮލޯވަރުންގެ ގޮތުގައި ތިބިއިރު، އޭނާ ހައްޔަރުކުރުމަށް ފަހު، އޭނާގެ އިންސްޓަގްރާމް އެކައުންޓް މިހާރު ވަނީ ސަސްޕެންޑްކޮށްފަ އެވެ.
މުޒާހަރާތަކާ ގުޅިގެން ހައްޔަރުކޮށް މަރުގެ ހުކުމް އިއްވި މީހުންގެ ތެރެއިން މުހުސިން ޝިކާރީ ދަން ޖައްސައި މެރީ މި މަހުގެ 9 ވަނަ ދުވަހު އެވެ. އޭނާގެ މައްޗަށް ސާބިތުވި ކުށަކީ، ވެރިރަށް ތެހެރާންގެ މަގު ބަންދުކުރުމާއި ސަލާމަތީ ބާރުތަކުގެ މީހުންނަށް ވަޅިން ހަމަލާ ދިނުމެވެ. މަރުގެ ހުކުމް އިއްވާފައި ތިބި މީހުންގެ ތެރެއިން ދެ ވަނަ މީހާ، މާޖިދުރިޒާ ރަހްނަވާރްދު ދަންޖައްސައި މެރީ މި މަހުގެ 12 ވަނަ ދުވަހު އެވެ.



