މާލޭގައި މިއަދު ހެނދުނު ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި ތިން އިމާރާތަކަށް އަސަރުކޮށްފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މަޢުލޫމާތު ދީފިއެވެ.
އެމްއެންޑީއެފްގެ ފަރާތުން ދެއްވި މަޢުލޫމާތުގައި، އެންމެ ބޮޑަށް އަލިފާނުގެ އަސަރުކޮށްފައިވަނީ “ޓިނު ބިލްޑިންގ” އަށް ކަމަށާއި، މި އިމާރާތް ވަނީ ބޮޑަށް އަނދާ ހުލިވެފައި ކަމަށް ބުނެފައިވެއެވެ. އަދި މި ވަގުތު އެ އިމާރާތުގެ 90 އިންސައްތަ އަލިފާން ނިއްވާލެވިފައިވާ ކަމަށްވެސް އެމްއެންޑީއެފްއިން ހާމަކޮށްފައިވެއެވެ.
މީގެއިތުރުން، “ގްރީން ބިލްޑިންގ” ގެ ދެވަނަ އަދި ތިންވަނަ ފަންގިފިލާގައި އަދިވެސް އަލިފާން ރޯވަމުންދާ ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ. އަދި ޓިނު ބިލްޑިންގގެ ދިމާލުގައި ހުރި “މަހުމާ ވިލާ” އަށްވެސް ކޮންމެވެސް ވަރަކަށް އަލިފާނުގެ އަސަރުކޮށްފައިވާ ކަމަށް އެ ފަރާތުން މަޢުލޫމާތު ދީފައިވެއެވެ.
އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސް އާއި އެއާޕޯޓުގެ ފަޔަރ ޓީމުންވެސް މި ހާދިސާގައި އަލިފާން ނިއްވުމުގެ މަސައްކަތުގައި ބައިވެރިވަމުންދާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.