ރަސްމާލޭގައި ވޯޓާފްރަންޓަކާއި މެރީނާއެއް ތަރައްޤީކުރުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ހިންގާ މަޝްރޫޢު ނިމުމުން، އެތަނުން އެއްވެސް ތަނެއް އިސްރާއީލުގެ ރައްޔިތަކަށް ނުގަނެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ގެނެސްދޭ “ދަ ޕަލްސް” ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، ރަސްމާލޭގައި ޔަހޫދީން ވަޒަންވެރިކުރުވައި، އެތަނުން އިސްރާއީލް މީހުންނަށް ޕްރޮޕަޓީ ވިއްކަން އުޅޭކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތައް ދޮގުކުރައްވާފައެވެ. އަދި މިއީ ސިޔާސީ މަންފާއަށްޓަކައި ހަޤީޤަތް އޮޅުވާލައި ފިތުނަ އުފެއްދުމަށް ކުރާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން ޢިމާރާތްކުރާ ތަންތަން 99 އަހަރަށް ދޫކުރި ނަމަވެސް، އެ ތަންތަނުގެ ފުރިހަމަ ބާރާއި އިޚްތިޔާރު އޮންނާނީ ދިވެހި ދައުލަތަށް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން މުއްދަތު ހަމަވުމުން އެ ތަންތަން އަނބުރާ ސަރުކާރަށް ލިބޭނެ ކަމަށާއި، ދައުލަތުގެ ބައިވެރިވުމެއް ނެތި އަމިއްލަ ފަރާތްތަކުގެ މެދުގައި މިލްކުވެރިކަން ބަދަލުނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، އެއްބަސްވުމުގެ މުއްދަތު އަމިއްލައަށް އައުވާނެ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ރިސޯޓުތަކުގެ އެއްބަސްވުންތަކާ އަޅާބަލާއިރު ވެސް މި މަޝްރޫޢު ދައުލަތަށް މާ ބޮޑަށް ފައިދާހުރި ކަމަށެވެ. އަދި މި މަޝްރޫޢުގެ ހުރިހާ ކަމެއްވެސް ކުރިއަށްދާނީ ޤާނޫނާއި ޤަވާޢިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.



