ކުރިއަށް އޮތް ރޯދަ މަހު އައްޑޫ ސިޓީގެ ގަމުން ސައުދީ އަރަބިއްޔާގެ ޖިއްދާއަށް ސީދާ އުމްރާ ދަތުރުތައް ފެށުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން މިއަދު އިއުލާންކޮށްފިއެވެ. މިއީ ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު އުމްރާގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ފަށާ ދަތުރުތަކެކެވެ.
ޙައްޖު ކޯޕަރޭޝަނުން ބުނި ގޮތުގައި މި ޚާއްޞަ ފްލައިޓް ފުރުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 20 ގައެވެ. މި ދަތުރު ރޭވިފައިވަނީ ރޯދަ މަހުގެ ފަހު 15 އާއި ޝައްވާލު މަހުގެ 6 ދުވަސް ހިމެނޭ ގޮތަށެވެ. އަދި މި ޕެކޭޖުގެ އަގަކީ 48،965 ރުފިޔާއެވެ.
މީގެ އިތުރުން ރޯދަ މަސް އެއްކޮށް އުމްރާގައި ހޭދަކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ޕެކޭޖެއްވެސް އެ ކޯޕަރޭޝަނުން ވަނީ ހުޅުވާލާފައެވެ. އެ ޕެކޭޖުގެ އަގަކީ 54،965 ރުފިޔާއެވެ.
މި ޕެކޭޖުތަކަށް އެދި ފޯމު ހުށަހެޅުމާއި ޖާގަ ކަށަވަރުކުރުމުގެ ފުރުސަތު ހައްޖު ކޯޕަރޭޝަންގެ ‘ފަހެލި’ ޕޯޓަލް އަދި ރަސްމީ ވެބްސައިޓް މެދުވެރިކޮށް މިހާރު ވަނީ ހުޅުވާލާފައެވެ.
މި ދަތުރުތަކުގައި ބައިވެރިވާ އުމްރާވެރިންނަށް ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ސިއްހީ އަދި ފާމަސީގެ ޚިދުމަތްތަކާއި، ހިލޭ ވެކްސިން ޖަހައިދިނުމުގެ އިތުރުން، ޖިއްދާއިން މަދީނާއަށް އަދި މައްކާއަށް ހައި-ސްޕީޑް ރޭލުގައި ދަތުރުކުރުމުގެ އިންތިޒާމު ހިމެނެއެވެ.
ހަމައެއާއެކު މަދީނާގައި 3 ރޭ ހޭދަކުރުމާއި، ދިވެހި ކެއުމާއި، ލޯންޑްރީ ޚިދުމަތާއި، އުމްރާ ކިޓް ދިނުމުގެ އިތުރުން ދީނީ އިލްމުވެރިންގެ އިރުޝާދު ދިނުން ހިމެނެއެވެ. އަދި އުމްރާވެރިންގެ ފަސޭހައަށް ބަގީގެ ޚިދުމަތާއި ލޮކޭޝަން ޓްރެކް ކުރެވޭ ވަސީލަތްތައްވެސް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުތަކުގެ ސަބަބުން އައްޑޫ އަދި ދެކުނުގެ އެހެން އަތޮޅުތަކުގެ މީހުން މާލެ ނައިސް، އަމިއްލަ ސަރަހައްދުން ސީދާ ފުރައިގެން އުމްރާއަށް ދިއުމުގެ މަގު ފަހިވެގެންދާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ރޯދަ މަހުގެ އިތުރުން ޖުލައި އަދި ޑިސެމްބަރު މަހުވެސް އައްޑޫން ޖިއްދާއަށް ސީދާ ފްލައިޓްތައް ބޭއްވުމަށް ވަނީ ރާވާފައެވެ.
ގައުމީ އެއާލައިން މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓުގެ އޮޕަރޭޝަންތައް ފުޅާކުރުމާ ގުޅިގެން މިފަދަ ދަތުރުތައް ފެށުމުގެ ފުރުސަތު ފަހިވެފައިވާއިރު، މިއީ އުމްރާގެ އަޅުކަމަށް ދާ ފަރާތްތަކަށް ދޭ ޚިދުމަތްތައް ފުޅާކޮށް ލުއިފަސޭހަކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.



