އުރީދޫ މޯލްޑިވްސްގެ ފަން ރަން ލ. އަތޮޅުގައި ބާއްވައިފިއެވެ. މި ރަން ބާއްވާފައިވަނީ ހުކުރު ދުވަހުގެ ހަވީރު 4 އިން 6 އަށެވެ.
އުރީދޫ ފަން ރަން އަކީ ކޮންމެ އަހަރަކު އުރީދޫއިން ބާއްވަމުންދާ ހަރަކާތްތަކުގެ ތެރެއިން އާއްމުންގެ މެދުގައި އެންމެ މަޤުބޫލު އެއް ހަރަކާތްކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ވަކިން ޚާއްސަކޮށް މިއީ ގިނަ އަދަދެއްގެ ކުޑަކުދިންނާއި ޒުވާނުންގެ ބޮޑު ބައިވެރިވުމެއް ލިބިގެންދާ ހަރަކާތެކެވެ.


އުރީދޫ ފަން ރަން ލ. ގައި 1500 އާއި 2000 އާއި ދެމެދުގެ އަދަދަކަށް ބައިވެރިން ބައިވެރިވެފައިވާކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.
މިއަހަރުގެ ފަން ރަންގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް އާއި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރާއި، ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ރާފިޢުގެ އިތުރުން ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވަނީ ބައިވެރިވެވަޑައިގެންފައެވެ.