ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ވިޔަފާރި ކުރާ ފަރާތްތަކުން އާއްމުންނަށް ދަތިވާ ގޮތަށް ދުވާރުތަކާއި ހެޖުތަކުގެ ތެރޭގައި ބަހައްޓާފައިވާ ގޮނޑިތަކާއި މޭޒުތައް ނެގުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (ޢެޗްޑީސީން) އިން އަންގައިފިއެވެ.
މީގެ ކުރިންވެސް ދެ ފަހަރެއްގެ މަތިން މިފަދަ ގޮނޑި އާއި މޭޒު ނެގުމަށް އެޗްޑީސީން އެންގިއެވެ. އެއީ 15 ނޮވެންބަރު 2023 ގައާއި އަދި 23 ޖުލައި 2024 ގައެވެ.
މިއީ އެޗްޑީސީން މިގޮތަށް އަންގާ ތިން ވަނަ ފަހަރެވެ. އެޗްޑީސީން ވިދާޅުވީ، ދުވާރު މަތީގައި އާއި ހެޖު ތެރޭގައި ބަހައްޓަފައި ހުރި ގޮނޑި މޭޒު ނެގުމަށް އަނެއްކާވެސް އަންގާ ކަމަށެވެ. ކުރީގައި ކޮށްފައިވާ އިއުލާންތަކާއި ގުޅިގެން އެކަމަށް އިޖާބަ ދީފައި ނުވާ ކަމަށް އެޗްޑީސީއަށް ފާހަގަ ކުރެވިފައިވާ ކަމަށްވެސް އިއުލާނުގައި ވެއެވެ. އަދި ދުވާރުމައްޗާއި ހެޖް ތެރޭގައި ގޮނޑިއާއި މޭޒު ބަހައްޓައިގެން ވިޔަފާރި އުސޫލުން ބޭނުން ކުރުމަކީ މަނާ ކަމެއް ކަަމަށްވެސް އެ އިއުލާނުގައި ވިދާޅުވެފައި ވެއެވެ.
އެޗްޑީސީން ވަނީ ސުންގަޑިއަށް ދުވާރު މައްޗާއި ހެޖް ތެރޭގައި ބަހައްޓާފައި ގޮނޑި އާއި މޭޒު ނަގައިފައިނުވާނަމަ އެތަކެތި ނަގައި އެ ސަރަހައްދުތައް ސާފު ކުރުމުގެ މަސައްކަތް ކަމާ ގުޅުންހުރި އިދާރާތަކާއި ގުޅިގެން އެ ކޯޕަރޭޝަނުން ގެންދާނެ ކަންވެސް އަންގައިފައެެވެ.
މީގެ ކުރިން އެޗްޑީސީން ވިދާޅުވިގޮތުގައި އެގޮތަށް ބައެއް ފަރާތްތަކުން އަމަލު ކުރަމުން އަންނައިރު، އެކަމުގެ ސަބަބުން އާންމުންނަށް ދަތިވެ، ޝަކުވާތައް ވެސް ހުށަހަޅައެވެ. މިގޮތުން ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ދަތިވާ ގޮތަށް ދުވާރު ބޭނުން ކުރުމާއި، ސްކޫލް ހިމެނޭ ސަރަހައްދުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން އާންމުންނާއި ކުޑަކުދިންނަށް ދުންފަތުގެ ދުމުގެ ނޭދެވޭ އަސަރު ކުރުމާއި، އަދަބާ ހިލާފު އިބާރާތްތަކުން މުއާމަލާތް ކުރާ ކަމުގެ ޝަކުވާ ބެލެނިވެރިންގެ ފަރާތުންނާއި ސްކޫލްތަކުން ވެސް އެކޯޕަރޭޝަނަށް ހުށަހަޅާފައިވާ ކަމަށް ވަނީ ވިދާޅުވެފައި ވެއެވެ.



