މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާއި ފަތުރުވެރިކަމާ ބެހޭ މިނިސްޓްރީ ގުޅިގެން މިއަދު ކްރޮސްރޯޑްގައި ފަތުރުވެރިކަމާ ބެހޭ މަހާސިންތާއެއް ފަށައިފިއެވެ.
މި މަހާސިންތާގައި ފަތުރުވެރިކަމުގެ އެކި ދާއިރާތަކުން 150 އަށްވުރެ ގިނަ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.
މި މަހާސިންތާގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކޮށް، އައު ޚިޔާލުތަކާއި ވިސްނުންތައް ހޯދުން ކަމަށް އެމްއެމްޕީއާރްސީން ވަނީ ބުނެފައެވެ. މީގެ އިތުރުން، ފަތުރުވެރިކަމަށް އައު ސެގްމަންޓްތައް ތަޢާރަފުކުރުމާ ބެހޭގޮތުން މަޝްވަރާކުރުމަށްވެސް ވަނީ ރޭވިފައިވާކަމަށް އެ ފަރާތުން ބުނެފައި ވެއެވެ.
މި މަހާސިންތާގައި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިޞަލް، އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރު ޝިއުރީ އިބްރާހިމް އަދި އެމްއެމްޕީއާރްސީގެ ޗެއަރޕާސަން ޢަބްދުﷲ ޣިޔާޘް ބައިވެރިވެ ވަޑައިގަންނަވައެވެ.



