ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ އައު ބިޒްނަސް ސެންޓަރު ގާތް މުސްތަޤުބަލެއްގައި ހުޅުވޭނެކަމަށް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
“އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވަނީ މި ސެންޓަރު ޑިޒައިންކޮށް އިމާރާތްކުރުމުގައި ސްޓެލްކޯގެ މުވައްޒަފުން ދެއްކި ހިތްވަރާއި ކާމިޔާބީއަށް ވަރަށް ބޮޑަށް ތަޢުރީފުކުރައްވާފައެވެ. އަދި ކުރު މުއްދަތެއްގެ ތެރޭގައި މި މަސައްކަތް ނިންމާލައި، ކުންފުންޏަށް ގިނަ ޢަދަދެއްގެ ފައިސާ ސަލާމަތްކުރެވިފައިވާ ކަމަށްވެސް އެމްޑީ ފާހަގަކުރެއްވިއެވެ.
“މި ޕްރޮޖެކްޓަކީ އައު ގޮތްތަކަށް ވިސްނައިގެން ކުރެވިފައިވާ ޑިޒައިނަކާއި، ފެންވަރު ރަނގަޅު މަސައްކަތެއްގެ ރަމްޒެއް. އަދި އަޅުގަނޑުމެންގެ ޓީމުގެ ހުނަރާއި، ތަޖުރިބާއާއި އަދި ވަފާތެރިކަން ދައްކުވައިދޭ މިސާލެއް،” ހުސެއިން ފަހުމީ ވިދާޅުވިއެވެ.
މީގެއިތުރުން، މި ޚާއްޞަ މަސައްކަތް ފާހަގަކޮށް، އެކަމަށް އިޙްތިރާމް އަދާކުރުމަށް ސްޓެލްކޯގެ މެނޭޖްމަންޓުން ގަސްތުކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ފާހަގަކޮށްލެވޭ ސެންޓަރު ރަސްމީކޮށް ހުޅުވުމަށް ކެތްމަދުވެފައިވާ ކަމަށްވެސް އިތުރަށް ވިދާޅުވިއެވެ.
ފަހުމީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށްވެސް ޝުކުރު އަދާކުރައްވާފައިވެއެވެ.