މި ހިނގާ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހުގެ ނިޔަލަށް މަސްވެރިން ކިރުވި މަހަށް 15.8 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިފްކޯއިން ހާމަކުރި ގޮތުގައި މި މުއްދަތުގެ ތެރޭގައި ޖުމްލަ 15,890,751 ރުފިޔާ މަސްދޯނިފަހަރަށް ޖަމާކޮށްފައިވާއިރު، މީގެ ތެރޭގައި މެއި މަހުގެ މެދުތެރޭގައި ކިރުވި މަހަށް ދޭންޖެހޭ ފައިސާވެސް ހިމެނެއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ބޮޑު އަދަދެއް ދޫކޮށްފައިވަނީ ކަޅުބިލަމަސް ކިރުވި ދޯނިފަހަރަށެވެ. އެގޮތުން ކަޅުބިލަމަހަށް 15.5 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، 10 ކިލޯއާއި 15 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި ދޯނިފަހަރަށް ޖުމްލަ 3.6 ލައްކައަށްވުރެ ގިނަ ރުފިޔާ ވަނީ ޖަމާކޮށްދީފައެވެ. މިފްކޯއިން މިހާރު ބޮޑުކަންނެލި ގަންނަމުންދަނީ ކިލޯއަކަށް 25 ރުފިޔާގެ ރޭޓުންނެވެ.
މަސްވެރިންނަށް ފައިސާ ދޫކުރުމުގެ ނިޒާމަށް ގެނައި ބަދަލާއެކު، މިހާރު މަސް ކިރުވާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރަމުންދާކަން ސަރުކާރުން ފާހަގަކުރެއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް، މަސްވެރިންނަށް ލިބެންޖެހޭ ފައިސާ އަވަހަށް ފޯރުކޮށްދިނުމަށް ފެށި މަސައްކަތެކެވެ. މީގެ އިތުރުން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު 13 ރުފިޔާއަށް ހެޔޮކޮށް، މަސް ގަންނަ އަގު 20 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ.
މިފްކޯއިން ބޮޑުކަންނެލި ގަންނަން ފެށުމަކީވެސް މި ސަރުކާރުން މަސްވެރިކަމުގެ ދާއިރާއަށް ގެނައި މުހިއްމު ބަދަލެކެވެ. މިދިޔަ ޖަނަވަރީ މަހުން ފެށިގެން 10 ކިލޯއިން މަތީގެ ކަންނެލި ކިރުވަން ފަށާފައިވާއިރު، މި ބަދަލުތަކާއެކު މަސްވެރިން ބާނާ މަސް ކިރުވާ މިންވަރާއި އެކްސްޕޯޓް ކުރާ މިންވަރު އިތުރުވެ، ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބެމުންދާކަމަށް އެ ކުންފުނިން ބުނެއެވެ.



