އިޓަލީގެ ދިދަ ނަގައިގެން ދުއްވާ އައިޑާ ކްރޫޒް އުޅަނދުގައި 2،139 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ. މި އުޅަނދު ރާއްޖެއަށް އައިސްފައިވަނީ 8 ޑިސެމްބަރ 2024 ވަނަ ދުވަހު އޮމާނުގެ މަސްކަޓުންނެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް (މާޔާ) ގެ އެދުމުގެ މަތިން ގެނެވުނު ގަވާއިދުތަކަށް ބަދަލު ގެނައުމަށްފަހު ރާއްޖެއަށް އައި ފުރަތަމަ ކްރޫޒް އުޅަނދަކީ މިއީއެވެ. މި އުޅަނދުގައި ގިނައީ ސުވިޒަލޭންޑު، އޮސްޓްރިއާ އަދި ޖަރުމަނުވިލާތުގެ ފަތުރުވެރިންނެވެ.
އައިޑާ ކްރޫޒް އުޅަނދު ރާއްޖެއަށް ޒިޔާރަތްކުރުމުން ރާއްޖޭގެ އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ބެލެވެއެވެ. އެގޮތުން މާލެ އާއި ހުޅުމާލޭގެ ކެފޭތަކާއި، ފިހާރަތަކާއި، ދޯނިފަހަރާއި، ގެސްޓްހައުސްތަކަށް މި ފަތުރުވެރިންގެ ސަބަބުން ފައިދާ ކުރާނެ ކަމަށް ލަފާކުރެވެއެވެ. މީގެ އިތުރުން، ރާއްޖެއަކީ މި ސަރަޙައްދުގެ ކްރޫޒް ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އިތުރަށް ވަރުގަދަވެގެންދާނެ ކަމަށްވެސް ބެލެވެއެވެ.
މި ކާމިޔާބީއާއެކު، ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ތަރައްޤީކޮށް، ތަފާތު ދާއިރާތަކަށް ފުޅާކުރުމުގެ މަސައްކަތް ކުރިއަށްދާކަން ހާމަވެގެންދެއެވެ. އިޤްތިޞާދީ ގޮތުން ފައިދާވުމުގެ އިތުރުން، މި ޒިޔާރަތުން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވަށް އަދި މުޅި ޤައުމުގެ އިޤްތިޞާދީ ދުވެލިއަށް ހެޔޮ އަސަރުކުރާނެ ކަމަށް ބެލެވެއެވެ.
މި ކްރޫޒް ރާއްޖެއިން ފުރާފައިވަނީ އިއްޔެ ހަވީރު ޖެހިއިރު އެވެ.