މޯލްޑިވިއަން އެއަރލައިންސްއިން އަންނަ އަހަރުން ފެށިގެން ޗައިނާގެ ވެރިރަށް ބެއިޖިންގއާއި އިތުރު ތިން ސިޓީއަކަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ. މި ދަތުރުތައް ކުރާނީ އެ އެއަރލައިންގެ އައު އޭ330-200 މަތިންދާބޯޓުގައެވެ.
މޯލްޑިވިއަންއިން ސޯޝަލް މީޑިއާގައި ހިއްސާކުރި މަޢުލޫމާތުގައިވާ ގޮތުން، އަންނަ މަހުން ފެށިގެން ބެއިޖިންގގެ އިތުރުން ޝަންގްހާއި، ޗެންގްޑޫ އަދި ޝިޔާންއަށް ސީދާ ދަތުރުތައް ކުރާނެއެވެ.
މި ކަމާ ގުޅޭގޮތުން ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެފައިވަނީ ރާއްޖެއާއި ޗައިނާއާ ދެމެދު އިތުރު ސީދާ ދަތުރުތައް ފެށުމާ ގުޅޭ ގޮތުން ބެއިޖިންގގައި ބޭއްވުނު ޖަލްސާގައި ބައިވެރިވުމަކީ އުފަލެއް ކަމަށާއި، މި ދަތުރުތަކާއެކު ފަތުރުވެރިކަން ކުރިއަރާނެ ކަމަށެވެ.
މިހާރު ރާއްޖެއިން 22 އަށްވުރެ ގިނަ ޤައުމަކާ ދެމެދު ސީދާ ދަތުރުތައް ކުރެވެއެވެ. ޗައިނާއަކީ މިހާރު އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އަންނަ ޤައުމެވެ. މި އަހަރުގެ މިހާތަނަށް ރާއްޖެ އައި 1.88 މިލިއަން ފަތުރުވެރިންގެ ތެރެއިން 13.5 އިންސައްތަ ހިއްސާކުރަނީ ޗައިނާއިންނެވެ.