މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާ ބޯޓުގެ ފުރަތަމަ ދަތުރު މިމަހުގެ 21 ވަނަ ދުވަހު ޗައިނާގެ ޗެންޑޫއަށް ކުރުމަށް ހަމަޖެހިފައިވާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ވަޒީރު އަމީން ވިދާޅުވިގޮތުގައި މި މަތިންދާ ބޯޓު ރާއްޖެއަށް ގެނެސް ދަތުރުތައް ފެށުމަށް މިހާރު ވަނީ މަސައްކަތްތައް ފަށާފައެވެ. އެހެންނަމަވެސް، މަތިންދާ ބޯޓެއް ގެނެސް ދަތުރުތައް ފެށުމަށް ވަގުތުކޮޅެއް ނަގާނެކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި ރީ-ރަޖިސްޓްރޭޝަން، ކުރޫ ޓްރެއިނިންގ އަދި އެހެނިހެން އިދާރީ މަސައްކަތްތައް ހިމެނެއެވެ.
މި ވައިޑް-ބޮޑީ މަތިންދާ ބޯޓުގެ ދަތުރުތައް ޗައިނާގެ ތިން ސިޓީއަކަށް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ޝެންހާއި، ޗެންޑޫ އަދި ބެއިޖިންގއަށެވެ. މޯލްޑިވިއަންއިން ބުނާގޮތުގައި މި އޮޕަރޭޝަންތައް ފެށުމާއެކު އަހަރަކު 60,000 ފަސިންޖަރުން ރާއްޖެއަށް ގެނެވޭނެކަމަށް ލަފާކުރެވެއެވެ. މީގެ އިތުރުން، މި ބޯޓުގައި އިކޮނޮމީ، ބިޒްނަސް އަދި ޕްރިމިއަމް ކްލާސްގެ ޚިދުމަތް ލިބެން ހުންނާނެއެވެ.
މޯލްޑިވިއަންގެ ޚިދުމަތަށް ވައިޑް-ބޮޑީ މަތިންދާ ބޯޓު ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.