ރާއްޖޭގެ މަސްވެރިކަން ފާހަގަކުރެވޭ މިންވަރަކަށް ކުރިއަރަމުންދާކަން ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ހާމަކޮށްފިއެވެ. މިފްކޯގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިހާރު އެވްރެޖްކޮށް ދުވާލަކު 280 ޓަނުގެ މަސް އެ ކުންފުންޏަށް ކިރުވަމުންދެއެވެ.
އެންމެ ފަހުގެ 24 ގަޑިއިރުގެ ތެރޭގައި މިފްކޯއިން ޖުމުލަ 321 ޓަނުގެ މަސް ގަނެފައިވާކަން ފާހަގަކޮށްފައިވެއެވެ. މީގެ ތެރެއިން އެންމެ ގިނަ މަސް ކިރުވާފައިވަނީ ކޫއްޑޫ ފިޝަރީޒްއަށް ކަމަށްވާއިރު، އެއީ 221.12 މެޓްރިކް ޓަނެވެ. ދެން އެންމެ ގިނައިން މަސް ކިރުވާފައިވަނީ ފެލިވަރަށް ކަމަށްވާއިރު، އެއީ 50.70 މެޓްރިކް ޓަނެވެ. އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް 48.71 މެޓްރިކް ޓަނުގެ މަސް ކިރުވާފައިވެއެވެ.
އަތޮޅުތަކުގެ ތެރެއިން އެންމެ ގިނައިން މަސް ކިރުވާފައިވަނީ ގދ. އަތޮޅުންނެވެ. އެ އަތޮޅުގެ 44 ދޯންޏަކުން 145 މެޓްރިކް ޓަނުގެ މަސް މިފްކޯގެ ބޯޓުތަކަށް ކިރުވާފައިވެއެވެ. ދެވަނައަށް އެންމެ ގިނައިން މަސް ކިރުވާފައިވަނީ ގއ. އަތޮޅުންނެވެ. އެ އަތޮޅުގެ 23 ދޯންޏަކުން 93.1 މެޓްރިކް ޓަނުގެ މަސް ކިރުވާފައިވެއެވެ.
މަސްވެރިކަން ރަނގަޅުވަމުން އަންނަކަން ފާހަގަކުރެވޭއިރު، މި މަހުގެ 11 ވަނަ ދުވަހާ ހަމައަށް ޖުމުލަ 5,797,777 ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށް މިފްކޯއިން ބުނެފައިވެއެވެ. މިއީ 110 ދޯންޏަކުން ކިރުވާފައިވާ 492 މެޓްރިކް ޓަނުގެ މަހަށް ދޫކޮށްފައިވާ ފައިސާއެވެ.
މިފްކޯއިން ވަނީ މި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގެ މަސްވެރިކަން ރަނގަޅު ފެންވަރެއްގައި ކުރިއަށްދާކަން ފާހަގަކޮށްފައެވެ. އަދި މިކަމުގެ ސަބަބުން މަސްވެރިންގެ އާމްދަނީއަށް ވެސް ރަނގަޅު އަސަރުތަކެއް ކުރަމުންދާކަން ފާހަގަކޮށްފައިވެއެވެ.