މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ކުދި ގޭބިސީތަކަށް އަމާޒުކޮށްގެން އައު ސައިޒެއްގެ މަސްދަޅު ބާޒާރަށް ނެރެފިއެވެ. މިގޮތުން މިދިޔަ ހަފުތާގައި ބާޒާރަށް ނެރެފައިވަނީ 140 ގުރާމްގެ މަސްދަޅެވެ.
މިފްކޯއިން މީގެ ކުރިން އުފައްދަމުން އައީ 180 ގުރާމްގެ މަސްދަޅެވެ. މި ސައިޒުގެ މަސްދަޅު ތެލުގައި އަދި ފެނުގައި ބަންދުކޮށްފައި ވިއްކަމުން އައީ 17.5 ރުފިޔާއަށެވެ. އެހެންނަމަވެސް އަލަށް ނެރުނު 140 ގުރާމްގެ މަސްދަޅު ވިއްކަނީ 15 ރުފިޔާއަށެވެ.
މިފްކޯގެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި މި އައު ސައިޒުގެ މަސްދަޅު ނެރުމުގެ މަޤްޞަދަކީ ކުދި ގޭބިސީތަކަށް އެއްފަހަރާ ބޭނުންކުރެވޭނެ މިންވަރެއްގެ މަސްދަޅު ފޯރުކޮށްދިނުމެވެ. މިގޮތަށް ނިންމާފައިވަނީ ބޮޑެތި މަސްދަޅު ކެނޑުމަށްފަހު ބާކީވާ ބައި ފްރިޖުގައި ބެހެއްޓުމަކީ އެހާ ރަނގަޅު ކަމަކަށް ނުވާތީއެވެ.
މި އައު އުފެއްދުމަކީ ކުދި ގޭބިސީތަކަށް ފަސޭހަވެ، އިސްރާފު ކުޑަކުރެވޭނެ ގޮތެއް ކަމަށް ބެލެވެއެވެ. އަދި މިފްކޯއިން މިފަދަ އައު އުފެއްދުންތައް ބާޒާރަށް ނެރުމަކީ ޑިމާންޑަށް އަމާޒުކޮށްގެން އުފެއްދުންތެރިކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ފާހަގަކުރެވެއެވެ.