ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން މިހާތަނަށް 1.9 މިލިއަން ރުފިޔާގެ މުދާ ކްލިއަރކުރެވިފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހާމަކޮށްފިއެވެ. މި އެއްބަސްވުމަށް އަމަލުކުރަން ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ.
ކަސްޓަމްސްގެ މަޢުލޫމާތު ދައްކާގޮތުން، މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް ވައިގެ މަގުން ޖުމްލަ 9 ޝިޕްމަންޓް ރާއްޖެ ގެނެސް ކްލިއަރކޮށްފައިވެއެވެ. މި ޝިޕްމަންޓްތަކުގެ އަގު، އިންޝުއަރެންސް އަދި ފްރައިޓް (ސީއައިއެފް) އަގު 882,381 ރުފިޔާއަށް އަރައެވެ. މީގެ އިތުރުން، ކަނޑުމަގުން 3 ޝިޕްމަންޓް ކްލިއަރކުރެވި، އޭގެ ސީއައިއެފް އަގު 1,040,875 ރުފިޔާއަށް އަރާފައިވެއެވެ.
މި އެއްބަސްވުމުގެ ދަށުން ޗައިނާއިން ރާއްޖެއަށް އެތެރެކުރާ މުދަލުގެ 91 ޕަސެންޓަށް ޑިއުޓީ ދައްކާކަށް ނުޖެހޭނެއެވެ. އަދި ދިވެހި ރުފިޔާއިން ޗައިނާއިން މުދާ ގަނެވޭނެއެވެ. އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެފައިވަނީ މި އެއްބަސްވުމުގެ ސަބަބުން ދިވެހި ވިޔަފާރިތަކަށާއި ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ.