މޯލްޑިވިއަން އިން ޗައިނާގެ ވެރިރަށް ބެއިޖިންގަށް ދަތުރުތައް ފަށައިފިއެވެ. މި ދަތުރުތަކުގައި ބޭނުންކުރަނީ މޯލްޑިވިއަން އިން އަލަށް ގެނައި އޭ330-200 ވައިޑްބޮޑީ މަތިންދާބޯޓެވެ. މިއީ މި ބޯޓު ރާއްޖެއިން ބޭރަށް ކުރާ ދެވަނަ ދަތުރެވެ.
މޯލްޑިވިއަން އިން ބުނެފައިވާ ގޮތުގައި ބެއިޖިންގ އިން ރާއްޖެ އައި ފްލައިޓުގައި 252 ފަސިންޖަރުން ދަތުރުކޮށްފައިވެއެވެ. މި ބޯޓުގައި ޖުމްލަ 264 ގޮނޑި ހުރެއެވެ. އޭގެ ތެރޭގައި ބިޒްނަސް ކްލާހުގައި 18 ގޮނޑި، ޕްރިމިއަމް އިކޮނޮމީ ކްލާހުގައި 36 ގޮނޑި އަދި އިކޮނޮމީ ކްލާހުގައި 210 ގޮނޑި ހިމެނެއެވެ.
މޯލްޑިވިއަން އިން މިހާރު ވަނީ ޗައިނާގެ ޗަންގްޑޫ އަދި ބެއިޖިންގ އަށް ދަތުރުތައް ފަށާފައެވެ. އަދި މި މަހުގެ 27 ވަނަ ދުވަހު ޗައިނާގެ ޝެންހާއީ އަށްވެސް ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުތަކުގައި ކޮންމެ ސިޓީއަކަށް ހަފުތާއަކު އެއް ދަތުރު ކުރުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވިއަން އިން ބުނެފައިވެއެވެ.
މި އައު ވައިޑްބޮޑީ މަތިންދާބޯޓަކީ 13,000 ކިލޯމީޓަރަށް އެއްވެސް ތާކު މަޑުނުކޮށް ދަތުރުކުރުމުގެ ޤާބިލުކަން ލިބިގެންވާ ބޯޓެކެވެ.