މޯލްޑިވިއަން، އިން ޗައިނާގެ ޝަންހާއީއަށް ސީދާ ދަތުރުތައް ފަށައިފިއެވެ. މިއީ މޯލްޑިވިއަންގެ އައު ވައިޑް-ބޮޑީ މަތިންދާބޯޓުން ޗައިނާގެ ތިންވަނަ މަންޒިލަށް ފެށި ދަތުރުތަކެވެ.
މި ދަތުރުތައް ކުރެވެނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި ޝަންހާއީ ޕުޑޮންގް އިންޓަރނޭޝަނަލް އެއަރޕޯޓާ ދެމެދުގައެވެ. މޯލްޑިވިއަންގެ ޗައިނާއަށް ކުރާ ދަތުރުތައް ފެށިފައިވަނީ މި މަހުގެ 21 ވަނަ ދުވަހު ޗެންޑޫއަށް ކުރި ދަތުރާ އެކުގައެވެ. އަދި 24 ވަނަ ދުވަހު ބެއިޖިންގއަށް ދަތުރުތައް ފަށާފައިވެއެވެ.
ޝަންހާއީއަށް ކުރެވުނު ފުރަތަމަ ދަތުރުގައި ދިވެހިންގެ އިތުރުން ބޭރުގެ ފަތުރުވެރިންވެސް ބައިވެރިވެފައިވެއެވެ. މި ދަތުރުތަކުގެ ސަބަބުން ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، ފާހަގަކުރެވޭ ކުރިއެރުމެއް އަންނަނީ ލިބެމުންނެވެ.
ރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާގެ ފަތުރުވެރިންގެ އިތުރުން، މި ދަތުރުތަކުގެ ސަބަބުން ޗައިނާއިން ރާއްޖެއަށް ކާގޯ އުފުލުމުގެ ފުރުސަތު ވެސް ވަނީ އިތުރަށް ފުޅާވެގެންގޮސްފައެވެ. މިއީ ދެ ޤައުމުގެ ދެމެދުގައި އޮންނަ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެ، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރައިގެންދާނެ ކަމެކެވެ.