އެސްޓީއޯ އިން ރޯދަމަހަށް ހާއްސަކޮށް ބާޒާރަށް ނެރޭ ކާށި ވިއްކާނީ 5 ރުފިޔާގެ ރޭޓުން ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެސްޓީއޯއިން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ވަނީ މިއަހަރުގެ ރޯދަ މަހަށް ބޭނުންވާ މުދާ ފަސޭހަކަމާއެކު ލިބޭނެ ގޮތް ހަމަޖެއްސުމަށް އެ ކުންފުނިން މިހާރު ތައްޔާރުވެފައިވާކަމަަށް ބުނެފައެވެ. އެގޮތުން އެ ކުންފުނިން އެތެރެކުރި ފުރަތަމަ ބެޗްގެ ކާށި މިހާރު އިންޑިއާއިން ރާއްޖެއަށް ގެނެސް، މިއަދު އެސްޓީއޯ ޕީޕަލްސް ޗޮއިސް މެދުވެރިކޮށް ވިއްކަން ފެށޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
އެ ކުންފުނީގެ އެމްޑީ ޝިމާދު “އެކްސް”ގައި ވިދާޅުވީ މިވަގުތު ބާޒާރުގައި ކާށީގެ އަގު 10 ރުފިޔާއާއި 25 ރުފިޔާއާ ދެމެދުގައި ގައި ހުރި ނަމަވެސް އެ ކުންފުނިން ކާށި ވިއްކަމުންދާނީ 5 ރުފިޔާގެ ރޭޓުން ކަމަށެވެ.
ކާށީގެ އިތުރުން ރޯދަމަހަށް ހާއްސަކޮށް އެސްޓީއޯއިން ލުނބޯވެސް މާދަމާއިން ފެށިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފިހާރައިން ގަންނަން ލިބެން ހުންނާނެކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.
ކޮންމެ އަހަރެކޭވެސް އެއް ފަދައިން މިއަހަރުވެސް 4 ކެޓަގަރީއެއްގެ ކާބޯތަކެތި އެތެރެކޮށް ހެޔޮ އަގުގައި އާންމުންނަށް ފޯރުކޮށްދޭނެއެވެ. އޭގެތެރޭގަިއ ހިމެނެނީ އަސާސީ ކާބޯތަކެތީގެ ތެރޭގައި ހިމެނޭ ފިޔާ، ބިސް އަލުވި، ކާށި، ކަދުރާއި، މޭވާ އާއި ތަރުކާރީގެ އިތުރުން ތައްޔާރީ ކާނާ އާޢި ކެއްކުމަށް ބޭނުންކުރާ ބާވަތްތެކެވެ.
އެސްޓީއީން ވަނީ މީގެ ކުރިން ލިބިފައިވާ ތަޖުރިބާތަކުގެ އަލީގައި، މިއަހަރު ޚާއްޞަ ސަމާލުކަމެއް ދީގެން، އާންމު ފަރުދުންނާއި ވިޔަފާރިވެރިންނަށް ފަހި ގޮތްތަކެއް ހޯދައިދިނުމަށް ރޭވިފައިވާ ކަމަށް ބުނެފައެވެ.