ރޯދަ މަހަށް ޚާއްސަކޮށްގެން މާލޭ ސަރަހައްދުގައި ވަގުތީ މާރުކޭޓްތަކެއް ޤާއިމުކުރުމަށް މަސައްކަތް ކުރަމުންދާކަމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލިޕްމަންޓްއިން ބުނެފިއެވެ.
އެ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމުގެ ތަފުސީލުތައް ދެއްވައި، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވީ، އެ ތަންތަނުގައި ވިޔަފާރި ކުރަން ހުޅުވާލާނީ އާންމު ވިޔަފާރިވެރިންނަށް ކަމަށެވެ.
މިގޮތުން ވަގުތީ މާރުކޭޓްތައް ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ އެކި ސަރަހައްދުތަކާއި ހުޅުމާލޭ ފޭސް 1 އަދި ފޭސް 2 ގައެވެ
އެކަމުގެ މަސައްކަތްތަކެއް މިހާރު ކުރަމުން އަންނައިރު، ކަމާ ބެހޭ އިދާރާތަކުން އިތުރު މައުލޫމާތު ވަރަށް އަވަހަށް ހިއްސާކުރާނެ ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.
ވަގުތީ މާރުކޭޓުގެ އިތުރަށް ސައީދު ވަނީ ރޯދަ މަހު ބާޒާރުގެ އަގުތައް ހިފެހެއްޓުމަށް އެސްޓީއޯއާ ގުޅިގެން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.