ކުރިއަށް އޮތް ރޯދަ މަހު ބާޒާރުގައި ކާބޯތަކެތީ އަގު ހިފެހެއްޓުމަށްޓަކައި 141 އަސާސީ ބާވަތެއް މޮނިޓާކުރަން ނިންމާފައިވާ ކަމަށާއި، އަދި އެ ތަކެތި ވިއްކާ އަގުތައް ބޮޑުވާ ނަމަ އެކަން ރިޕޯޓު ކުރެވޭނެ ގޮތް ހަދާނެ ކަމަށް އިކޮނޮމިކް ޑިވްލޮޕްމެންޓް އެންޑް ޓްރޭޑް މިނިސްޓްރީން ބުނެފި އެވެ.
އަސާސީ ބާވަތްތަކުގެ އަގު ބޮޑުވޭތޯ ތިން ކެޓަގަރީއަކުން މޮނީޓާ ކުރަމުންދާނޭ ކަމަށް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އެގޮތުން ގޭބިސީތަކުގައި ކެއުމަށާއި، ކާތަކެތި ތައްޔާރު ކުރުމަށް ބޭނުންކުރާ އަސާސީ ތަކެތީގެ ތެރެއިން 93 ބާވަތެއްގެ އިތުރުން މޭވާ އާއި ތަރުކާރީގެ 38 ބާވަތެއް އަދި ކަނޑުމަހުގެ ބާވަތްތަކުން ދިހަ ބާވަތެއް ( މުޅި ޖުމްލަ 141 ބާވަތް) މޮނީޓާ ކުރެވޭނެއެވެ.
އަސާސީ ބާވަތްތަކުގެ ގޮތުގައި މޮނިޓާކުރާ ކެޓަގަރީތައް:
- ގޭބީސީތަކުގެ ކެއުމަށާއި، ކާތަކެތި ތައްޔާރު ކުރުމަށް ބޭނުންކުރާ އަސާސީ ބާވަތްތަކުން 93 އައިޓަމެއް
- މޭވާ އަދި ތަރުކާރީގެ ބާވަތްތަކުން 38 އައިޓަމެއް
- މަސް (ކަނޑުމަހުގެ ބާވަތްތަކުން) 10 އައިޓަމެއް
މި ބާވަތްތައް މޮނީޓާ ކުރުމަށް އެ މިނިސްޓްރީގެ އިންސްޕެކްޝަން ޓީމުން މާލެ އާއި އަތޮޅުތެރޭ ފިހާރަތަކާއި ލޯކަލް މާރުކޭޓުތަކުން މައުލޫމާތު ނަގާނެ ކަމަށްވެސް ވަނީ ބުނެފައެވެ. މިގޮތަށް ބަލާބެލުމުގައި އަސާސީ ތަކެތީގެ އަގު ބޮޑުވެއްޖެނަމަ “އަސާސީ ބާވަތްތައް ކަނޑައެޅުމާއި، އަގު މޮނީޓާ ކުރުމާއި މާކެޓް އިންޓަވެންޝަންގައި މިނިސްޓްރީން އަމަލުކުރާނެ ގޮތުގެ އުސޫލު” ގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށްވެސް ބުނެފައިވެއެވެ.
މިނިސްޓްރީން ބުނީ، ރޯދަ މަހަށް އަސާސީ ކާބޯތަކެތީގެ ސްޓޮކް ހުރި މިންވަރު ބަލައި، ރޯދަ މަހުގެ ތެރޭގައި ބާޒާރުން ހުސްނުވެ ހިފެހެއްޓުމަށް ރާވާފައި ހުރި ކަންކަން ދެނެގަތުމަށް އެންމެ ގިނައިން ރާއްޖެއަށް މުދާ އެތެރެކުރާ ފަރާތްތަކާއެކު ބައްދަލުވުންތައް ބާއްވަމުންދާ ކަމަށެވެ.