ގައުމީ އެއަރލައިން މޯލްޑިވިއަންގެ ފުރަތަމަ ވައިޑް ބޮޑީ އެއާކްރާފްޓް، އޭ-330 މަތިންދާބޯޓުގައި އިންޑިއާގެ ކޮޗިން އާއި ޓްރިވަންޑްރަމަށް ދަތުރުތައް ފަށައިފިއެވެ. މި ގޮތުން ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓަށް އޭ-330 މަތިންދާބޯޓުގެ ފުރަތަމަ ފްލައިޓު ޖައްސާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ މެންދުރުއެވެ.
މީގެ ކުރިން މި ދެ މަންޒިލަށް މޯލްޑިވިއަން އިން ދަތުރުކުރަމުން އައީ އޭޓީއާރް 72 މަރުކާގެ ބޯޓާއި އެއާބަސް އޭ-320 މަތިންދާބޯޓުގައެވެ. އެއާބަސް އޭ-320 މަރާމާތަށް ފަހު ރާއްޖެ ގެނެސްފައިވަނީ މިދިޔަ ޖުލައި މަހުގެ ހަތްވަނަ ދުވަހުއެވެ.
މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު ރާއްޖެ ގެނެސްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. 260 މީހުންގެ ޖާގައިގެ މި ބޯޓުގައި ބިޒްނަސް، ޕްރިމިއަމް އިކޮނޮމީ އަދި އިކޮނޮމީ ކުލާހުގެ ސީޓުތައް ހިމެނެއެވެ. އަދި މި ބޯޓުގައި ދިހަ ޓަނުގެ ކާގޯ އުފުލުމުގެ ޤާބިލުކަން ލިބިގެންވެއެވެ.
އޭ-330 މަތިންދާބޯޓު ރާއްޖެ ގެނައުމަށްފަހު އެންމެ ފުރަތަމަ ދަތުރުތައް ފަށާފައިވަނީ ޗައިނާގެ ތިން މަންޒިލަކަށެވެ. އަދި މިހާރު އިންޑިއާގެ ދެ މަންޒިލަކަށް ދަތުރުތައް ފަށާފައިވާއިރު، މޯލްޑިވިއަންއިން ވަނީ އެއާބަސް އޭ-330 ގެ އިތުރު ބޯޓެއް ގަތުމަށްވެސް މަސައްކަތްތަކެއް ފަށާފައެވެ.



