މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓިކްޓޮކްގެ އިސް ވަފުދެއް މިއަދު ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.
މި ޒިޔާރަތުގައި ވަނީ ޓިކްޓޮކްގެ މި ވަފްދާއި އިގްތިސާދީ ތަރައްގީއާއި ވިޔަފާރީގެ ވުޒާރާއިން ބައްދަލުކޮށްފައެވެ. އަދި މި ބައްދަލުވުމަށްފަހު އެ ވުޒާރާއިން ވަނީ ޑިޖިޓަލް މަނިޓައިޒޭޝަންގެ އައު ފުރުސަތުތައް ހޯދުމަށް މަޝްވަރާކޮށްފައިވާކަމަށް ބުނެފައެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކްރިއޭޓިވް އިކޮނޮމީއެއް ބިނާކުރުމުގެ މަސައްކަތުގެ ދަށުން ރާއްޖޭގައި ޓިކްޓޮކުން ފައިސާ ލިބޭނެ ގޮތް ހަދަން މަޝްވަރާތައް ފަށާފައިވާ ކަމަށް ސަރުކާރުން މީގެކުރިންވެސް ބުނެފައިވެއެވެ.
ޓިކްޓޮކްއަކީ މިޙާރު ދުނިޔޭގެ އެންމެ މަގުބޫލު އެއް ސޯޝަލް މީޑިއާ ޕްލެޓްފޯމެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް ކޮންޓެންޓް ކްރިއޭޓަރުންނަށް އާމްދަނީ ހޯދުމުގެ ފުރުސަތުތައް ވެސް ހުޅުވާލާފައިވެއެވެ.
މި މަޝްވަރާތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ޑިޖިޓަލް އިކޮނޮމީ ކުރިއެރުވުމަށާއި، ޒުވާނުންނަށް އިތުރު ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަށް މަގުފަހިވެގެންދާނެ ކަމަށް ވުޒާރާއިން ފާހަގަކުރެއެވެ.