ޗައިނާގެ މަޝްހޫރު އީ-ކޮމާސް ވިޔަފާރިތަކެއް ކަމަށްވާ ޝެއިން އަދި ޓެމޫއިން އަންނަ ހަފްތާއިން ފެށިގެން އެ ކުންފުނިތަކުގެ އަގުތައް މައްޗަށް ޖައްސާނެ ކަމަށް އިއުލާނުކޮށްފިއެވެ. މި ނިންމުން ނިންމާފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާއިން އިމްޕޯޓްކުރާ މުދަލަށް ކަނޑައަޅާފައިވާ ޓެރިފްތަކާ ގުޅިގެންނެވެ.
އެސޯސިއޭޓެޑް ޕްރެސްގެ ރިޕޯޓުގައި ބުނާ ގޮތުން، މި ދެ ކުންފުނިން ވަނީ ދުނިޔޭގެ ވިޔަފާރީގެ ގަވާއިދުތަކަށް އައި ބަދަލުތަކާއި ޓެރިފްތަކާ ގުޅިގެން އަގުތައް މައްޗަށް ޖައްސަން ޖެހުނު ކަމަށް ބަޔާންކޮށްފައެވެ. މި ބަދަލުތައް އަންނާނީ އޭޕްރިލް 25 އިން ފެށިގެންނެވެ.
“މި މުއްދަތުގައި ތިޔަ ބޭފުޅުންގެ އޯޑަރުތައް އެންމެ އެކަށީގެންވާ ގޮތުގައި ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ވާނީ ސްޓޮކް ފުރިހަމަކޮށްފަ. އަޅުގަނޑުމެން ވީހާވެސް ބޮޑަށް މަސައްކަތް ކުރަމުން މިދަނީ އަގުތައް ދަށުގައި ހިފެހެއްޓުމަށާއި، ކަސްޓަމަރުންނަށް ކުރާ އަސަރު ކުޑަކުރުމަށް.” ޓެމޫގެ ބަޔާނުގައި ބުނެފައިވެއެވެ.
ޓްރަމްޕްގެ އަމުރަކާ ގުޅިގެން މެއި 2 އިން ފެށިގެން 800 ޑޮލަރަށްވުރެ ދަށުގެ މުދަލަށް ދެމުން އައި ޑިއުޓީ މަޢާފުކުރުން ވެސް ހުއްޓާލެވޭނެއެވެ. މިހާރު ދުވާލަކު 4 މިލިއަނަށްވުރެ ގިނަ ޕާރސަލް އެމެރިކާއަށް އެތެރެކުރެވޭއިރު، މީގެ ގިނަ އަދަދެއްގެ ޕާރސަލްތައް އަންނަނީ ޗައިނާއިންނެވެ.
ފާއިތުވި އަހަރުތަކުގައި ޝެއިން އަދި ޓެމޫއަކީ އެމެރިކާގައި ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފައިވާ ދެ ކުންފުންޏެވެ. ނަމަވެސް މި ޓެރިފްތަކާ ގުޅިގެން ވިޔަފާރި ދަށަށް ދިއުމާއެކު، މި ދެ ކުންފުނިން ވަނީ އިޝްތިހާރުކުރުން މަދުކޮށްފައެވެ. މިކަމުގެ ސަބަބުން އިންސްޓަގްރާމް އަދި ޓިކްޓޮކް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ވެސް ނޭދެވޭ އަސަރުކުރާނެ ކަމަށް ބެލެވެއެވެ.



