މިއަހަރުގެ ފުރަތަމަ ހާފުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ބޭނުންކުރާ އެނދުގެ އަދަދު 700 އަށްވުރެ އިތުރުވެއްޖެކަމަށް ޓޫރިޒަމް މިނިސްޓްރީގެ ރަސްމީ ހިސާބުތަކުން ދައްކައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މި އަހަރު އަލަށް 785 އެނދު އިތުރުވެ، މުޅި ރާއްޖޭގެ ޖުމްލަ އެނދުގެ އަދަދު 64,033 އަށް އަރާފައިވެއެވެ. މިއީ 2022 ވަނަ އަހަރު ނިމުނުއިރު ހުރި 63,248 އެނދާ އަޅާބަލާއިރު ފާހަގަކުރެވޭ ކުރިއެރުމެކެވެ.
މިހާރު ހުރި އެނދުތަކުގެ ތަފްސީލަށް ބަލާއިރު، ރިސޯޓުތަކުގައި 44,047 އެނދާއި، ގެސްޓްހައުސްތަކުގައި 14,514 އެނދާއި، ދަތުރުއުޅަނދުތަކުގައި 3,162 އެނދާއި، އަދި ހޮޓާތަކުގައި 2,310 އެނދު ހިމެނެއެވެ. ޖުމްލަ 1,203 ފަތުރުވެރިކަމުގެ ވަސީލަތްތަކުގެ ތެރޭގައި 175 ރިސޯޓާއި، 853 ގެސްޓްހައުސްއާއި، 159 ސަފާރީ އުޅަނދާއި، 16 ހޮޓާ ހިމެނެއެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި ގެސްޓްހައުސް ވިޔަފާރި އަހަރުން އަހަރަށް ފުޅާވަމުންދާއިރު، އެއާއެކު ރިސޯޓުތަކުގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ.
2023 ވަނަ އަހަރު 2.3 މިލިއަން ފަތުރުވެރިން ގެނައުމުގެ ލަނޑުދަނޑި ކަނޑައަޅާފައިވާއިރު، މިހާތަނަށް 1,043,080 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 956,360 ފަތުރުވެރިންނާ އަޅާބަލާއިރު 9.1 އިންސައްތައިގެ އިތުރުވުމެކެވެ.



