މިދިޔަ ޖޫން މަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 15 އިންސައްތަ އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.
އެ މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ޖޫން މަހު ރާއްޖެއަށް 141،772 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ ޖޫން މަހު ރާއްޖެއަށް ޒިޔާރަތްކުރި 123،284 ފަތުރުވެރިންނާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.
މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1.1 މިލިއަން ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 1.01 މިލިއަން ފަތުރުވެރިންނާ އަޅާބަލާއިރު 9 އިންސައްތައިގެ އިތުރުވުމެކެވެ. މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެވްރެޖްކޮށް ދުވާލަކު 6،000 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރެއެވެ.
ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން 72 އިންސައްތަ މީހުން ޗުއްޓީ ހޭދަކުރަނީ ރިސޯޓުތަކުގައެވެ. އަދި 22 އިންސައްތަ މީހުން ޗުއްޓީ ހޭދަކުރަނީ ގެސްޓްހައުސްތަކުގައެވެ. ސަފާރީތަކާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންގެ ނިސްބަތަކީ ކޮންމެ ބާވަތަކުން ވެސް 2 އިންސައްތައެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އެ ގައުމުން 141،162 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، ދެވަނައަށް އެންމެ ގިނައީ ރަޝިއާގެ 126،780 ފަތުރުވެރިންނެވެ. ސަރުކާރުން މި އަހަރަށް އަމާޒުކޮށްފައިވަނީ 2.5 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށެވެ.



