ބެލްޖިއަމްގައި ޤާއިމުކޮށްފައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން، ބޫޓާން އަދި ސްރީލަންކާ އެމްބަސީއާ ގުޅިގެން “ދަ އެންޗާންޓިންގް ޓްރިއޯ” ގެ ނަމުގައި ޓޫރިޒަމް ޕްރޮމޯޝަނަލް އިވެންޓެއް މިދިޔަ ބުދަ ދުވަހު ބާއްވައިފިއެވެ.
“ދެ ވަރަންޑޭ” ކުލަބުގައި ބޭއްވި މި އިވެންޓުގައި ވާހަކަފުޅު ދައްކަވަމުން، ދިވެހިރާއްޖެއިން ބެލްޖިއަމް އަދި ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަލްފާޟިލާ ޤީލާ އަލީ ވިދާޅުވީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ޔޫރަޕުގެ އިއްތިހާދުގެ ގައުމުތަކުގެ ހިއްސާއަކީ 59 އިންސައްތަ ކަމަށެވެ. އަދި 2025 ވަނަ އަހަރުގެ 2.3 މިލިއަން ފަތުރުވެރިންގެ އަމާޒަށް ވާސިލުވުމަށް، ޔޫރަޕުގެ ގައުމުތަކުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ބަހައްޓަވާ ޝައުގުވެރިކަން އިތުރުކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
އިވެންޓުގެ ޝަރަފުވެރި މެހެމާނު، ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސްގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ މިސް ޕައޯލާ ޕަމްޕަލޯނީ ވިދާޅުވީ، ޔޫރަޕިއަން ޔޫނިއަންގެ ފަރާތުން ތިން ގައުމުގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް ޕްރޮމޯޓުކުރުމުގައި އެއްބާރުލުން ދެއްވާނެ ކަމަށެވެ.
މި އިވެންޓުގައި ބެލްޖިއަމް ފޮރިން މިނިސްޓްރީއާއި ޔޫރަޕިއަން ޔޫނިއަންގެ އިސްވެރިންނާއި، ބެލްޖިއަމްގެ ޓުއަރ އޮޕަރޭޓަރުން ބައިވެރިވެފައިވެއެވެ. އިވެންޓުގައި ބޭއްވި ރެފްލް ޑްރޯއިން ފްރަންސުއާ މެސަންއަށް ދިވެހިރާއްޖޭގެ ހޮލިޑޭ ހޯމް ގެސްޓް ހައުސް، ދިއްފުށީގައި 5 ރޭ ހޭދަކުރުމުގެ ފުރުސަތު ދީފައިވެއެވެ.



