މިއަހަރުގެ 10 ޖުލައިގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 20.1 ބިލިޔަން ރުފިޔާ ލިބިފައިވާކަން މިނިސްޓްރީ އޮފް ފިނޭންސްގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 8.9 އިންސައްތައިގެ އިތުރުވުމެކެވެ.
ރިޕޯޓުގައިވާ ގޮތުން، މި އާމްދަނީގެ ތެރެއިން 15.4 ބިލިޔަން ރުފިޔާއަކީ ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ. މިއީ ޖުމުލަ އާމްދަނީގެ 76.3 އިންސައްތައެވެ. ޚާއްސަކޮށް ފާހަގަކޮށްލެވެނީ ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ 96.5 އިންސައްތައިން އިތުރުވެ، 1.1 ބިލިޔަން ރުފިޔާއަށް އަރާފައިވާކަމެވެ.
ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީވެސް ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައެވެ. އެގޮތުން އެއާޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި 928 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ 54.4 އިންސައްތައިގެ އިތުރުވުމެކެވެ. އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 940 މިލިޔަން ރުފިޔާ ލިބި، މިއީ 53.3 އިންސައްތައިގެ ކުރިއެރުމެކެވެ.
މި އިތުރުވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކުރެވެނީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 9.1 އިންސައްތައިން އިތުރުވެ، 1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވުމެވެ. މީގެ އިތުރުން، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރެވުނު ފައިސާގެ އަދަދުވެސް ވަނީ 54.4 އިންސައްތައިން އިތުރުވެ، 1.1 ބިލިޔަން ރުފިޔާއަށް އަރާފައެވެ.
އަދި ލޭންޑް އެކުއިޒިޝަން އެންޑް ކޮންވަރޝަން ފީ، ލީޒް ޕީރިއެޑް އެކްސްޓެންޝަން ފީ އަދި ރިޒޯޓުތަކުގެ ކުލީގެ ގޮތުގައި ލިބުނު އާމްދަނީވެސް މި މުއްދަތުގައި ވަނީ އިތުރުވެފައެވެ. މި ހުރިހާ ކުރިއެރުމެއްގެ ނަތީޖާއެއްގެ ގޮތުން، ދައުލަތުގެ ޖުމުލަ އާމްދަނީ އާއި ހިލޭ އެހީ ވަނީ ފާއިތުވި އަހަރާ އަޅާބަލާއިރު 8.9 އިންސައްތައިން އިތުރުވެފައެވެ.



