ރާއްޖޭގެ މައި ވައިގެ ބަނދަރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި 4 މިލިއަނަށްވުރެ ގިނަ ފަސިންޖަރުންނަށް ޚިދުމަތް ފޯރުކޮށްދީފިއެވެ.
އެއާޕޯޓުން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި މުއްދަތުގައި ޖުމުލަ 4,108,845 ފަސިންޖަރުން އެއާޕޯޓް މެދުވެރިކޮށް ދަތުރުކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 4 އިންސައްތައިގެ ކުރިއެރުމެކެވެ.
މި މުއްދަތުގައި ކުރެވުނު ދަތުރުތަކުގެ ތަފްސީލަށް ބަލާއިރު، އެތެރޭގެ ދަތުރުތަކުގައި 579,079 ފަސިންޖަރުންނާއި، ބައިނަލްއަޤްވާމީ ދަތުރުތަކުގައި 2,669,969 ފަސިންޖަރުންނާއި، ސީޕްލޭން ދަތުރުތަކުގައި 859,797 ފަސިންޖަރުން ދަތުރުކޮށްފައިވެއެވެ. އަދި މި މުއްދަތުގައި ޖުމުލަ 124,665 ވައިގެ ދަތުރު ކުރެވިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 7 އިންސައްތައިގެ ކުރިއެރުމެކެވެ.
އެއާޕޯޓުގެ ތާރީޚުގައި އެއް ދުވަހެއްގައި އެންމެ ގިނަ ފަސިންޖަރުން ދަތުރުކުރި ރެކޯޑު ވެސް މި އަހަރުގެ ފުރަތަމަ ހަ މަހުގެ ތެރޭގައި ވަނީ ޤާއިމުކޮށްފައެވެ. އެގޮތުން ޖަނަވަރީ 4 ވަނަ ދުވަހު 26,658 ފަސިންޖަރުން ފުރޮޅުލީ މަތިންދާބޯޓުތަކުން ދަތުރުކޮށްފައިވާއިރު، ފެބްރުއަރީ 16 ވަނަ ދުވަހު 7,439 ފަސިންޖަރުން ސީޕްލޭންގައި ދަތުރުކޮށްފައިވެއެވެ.
.



