އައްޑޫ އަތޮޅުން ގަންނަ މަސް ސީދާ އެ އަތޮޅުން އެކްސްޕޯޓް ކުރުމުގެ މަސައްކަތް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ފެށުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ނިންމައިފިއެވެ.
މިފްކޯއިން މަޢުލޫމާތު ދެއްވި ގޮތުގައި، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް އެ ކުންފުނީގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ގޮންޖެހުންތަކެއް ހުރި ނަމަވެސް، މެދުކެނޑުމެއްނެތި ގިނަ މަސައްކަތްތަކެއް ކުރަމުން އެބަދެއެވެ. އެގޮތުން ގިނަ ދުވަސްތަކެއް ވަންދެން މަރާމާތު ނުކޮށް ހުރި އެންމެ އަސާސީ މަރާމާތުތަކާއި މިފްކޯގެ އުފެއްދުންތެރިކަން އިތުރުކުރުމުގެ މަސައްކަތްތައްވެސް މިހާރު ވަނީ ފަށާފައެވެ.
މީގެ އިތުރުން އައްޑޫގައި މަހަށް ވެލިޔު އެޑް ކުރުމުގެ މަސައްކަތްތައް މި އަހަރުގެ ތެރޭގައި ފެށުމަށްވެސް އެ ކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ.
މިފްކޯގެ ޖުމްލަ އުފެއްދުންތެރިކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި، މަސް ގަތުމާއި ރައްކާކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް، ސަރުކާރުގެ އެހީތެރިކަމާއެކު، މަލްޓި ލެޓެރަލް ޑިވެލޮޕްމަންޓް ފައިނޭންސްގެ އެހީގައި ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.
މީގެ އިތުރުން ގދ. ތިނަދޫގައި ޤާއިމުކުރަމުންދާ މަސްގަންނަ މަރުކަޒު 2026 ވަނަ އަހަރުގެ ފަހުކޮޅު ހުޅުވުމަށް ރޭވިފައިވާ ކަމަށާއި، ރާއްޖޭގެ އުތުރާއި ދެކުނުގައި ބާނާ ބޮޑުކަންނެލި މިފްކޯއިން ގަތުމުގެ މަސައްކަތް ފެށުމަށްވެސް މިހާރު އަންނަނީ ތައްޔާރުވަމުން ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.



