ރާއްޖެއަށް މި އަހަރުގެ މިހާތަނަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 1.6 މިލިއަނަށް އަރައިފިއެވެ. ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.6 ޕަސެންޓުގެ ކުރިއެރުމެކެވެ.
މި އަހަރުގެ އަމާޒަކީ 2.3 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުން ކަމަށްވާއިރު، އެ އަމާޒު ހާސިލުކުރުމަށް އަހަރުގެ ބާކީ އޮތް 98 ދުވަހުގެ ތެރޭގައި ދުވާލަކު 7،098 ފަތުރުވެރިން ގެންނަން ޖެހޭނެއެވެ. މިހާރު ރާއްޖެއަށް އެވްރެޖްކޮށް ދުވާލަކު ޒިޔާރަތްކުރަނީ 6،500 އެއްހާ ފަތުރުވެރިންނެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާއިންނެވެ. އެގޮތުން އަހަރުގެ މިހާތަނަށް އެ ގައުމުން 254،950 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ 194،606 ފަތުރުވެރިންނާއެކު ރަޝިޔާއިންނެވެ. އޭގެ ފަހަތުން އިނގިރޭސިވިލާތުން 142،957 ފަތުރުވެރިންނާއި، ޖަރުމަނުވިލާތުން 111،569 ފަތުރުވެރިންނާއި، އިޓަލީވިލާތުން 111،253 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
ފާއިތުވި އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 2.2 މިލިއަނަށް އަރާފައިވާއިރު، މި އަހަރު އިތުރު 100،000 ފަތުރުވެރިން ގެނައުމަށް އަމާޒު ހިފާފައިވާކަން ފާހަގަކުރެވެއެވެ.