ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ތަމްސީލުކުރާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އދ. ގެ ޓޫރިޒަމް އޯގަނައިޒޭޝަން (ޔޫއެންޓީއޯ)ގެ އެފިލިއޭޓް މެންބަރުންގެ ބޯޑަށް އިންތިޚާބުވެ ތާރީޚީ ކާމިޔާބީއެއް ހޯދައިފިއެވެ. 2026 ވަނަ އަހަރުން ފެށިގެން 2029 ވަނަ އަހަރާ ހަމައަށް ހިނގާ ދައުރަކަށް ލިބުނު މި މަޤާމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއްކަމަށް މަޓީން ފާހަގަކުރެއެވެ. މަޓީއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން މި ބައިނަލްއަޤްވާމީ ބޯޑުގައި ހިމެނުނު ފުރަތަމަ ޖަމްޢިއްޔާއެވެ.
މަޓީއަށް މި ގޮނޑި ލިބިފައިވަނީ ޔޫއެންޓީއޯގެ އެފިލިއޭޓް މެންބަރުންގެ ބޯޑުން ދެކުނު އޭޝިއާއަށް ޚާއްސަކުރި ސަރަހައްދީ ދެ ގޮނޑީގެ ތެރެއިން އެއް ގޮނޑިއަށެވެ. މި ބޯޑުގައި މަޓީ ތަމްސީލުކުރައްވާނީ އެ ޖަމްޢިއްޔާގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އައްސަދު އަލީއެވެ. މަޓީއަކީ 2019 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 11 ވަނަ ދުވަހު ޔޫއެންޑަބްލިޔުޓީއޯގެ 23 ވަނަ އާންމު މަޖިލީހުން އެފިލިއޭޓް މެންބަރުކަން ހޯދާފައިވާ ޖަމްޢިއްޔާއެކެވެ.
މި މަޤާމަށް އިންތިޚާބުވުމުގެ ސަބަބުން، ދުނިޔޭގެ ފެންވަރުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ އަޑު އިއްވުމުގެ ފުރުސަތު އިތުރުވެގެން ދާނެކަމަށް މަޓީން ފާހަގަކުރެއެވެ. އަދި މިއީ ރާއްޖޭގެ ޓޫރިޒަމްގެ މުއްސަނދި ތަޖުރިބާ ބައިނަލްއަޤްވާމީ މައިދާނަށް ހިއްސާކުރުމުގެ ރަނގަޅު ފުރުސަތެއް ކަމަށް ވެސް މަޓީން ބުނެފައިވެއެވެ.
ޔޫއެންޓީއޯގެ އެފިލިއޭޓް މެންބަރުންގެ ބޯޑަކީ ޖުމްލަ 20 އިންތިޚާބީ މަޤާމު ހިމެނޭ ބޯޑެކެވެ. މިއީ ބައިނަލްއަޤްވާމީ 6 ސަރަޙައްދުން 12 ރީޖަނަލް މެންބަރުންނާއި، 8 ގްލޯބަލް މެންބަރުން ހިމެނޭ ގޮތަށް އެކުލަވާލާފައިވާ ބޯޑެކެވެ. މި ބޯޑުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި އެފިލިއޭޓް މެންބަރުކަމުގެ މަސައްކަތުގެ ޕްރޮގްރާމާ އަހަރީ މަޤްސަދުތަކާ ބެހޭ އިސްތިރާޖީ ލަފާ ދިނުމާއި، މިކަމާ ގުޅޭގޮތުން ސެކްރެޓަރީ ޖެނެރަލަށް ލަފާ އެރުވުން ހިމެނެއެވެ. .



