ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ ފަސިންޖަރު ޓާމިނަލް 1 އިން، އިނގިރޭސި ވިލާތުގެ މަޝްހޫރު އެއާލައިނެއް ކަމަށްވާ ވާޖިން އެޓްލާންޓިކްއަށް ހިދުމަތް ދޭން ރަސްމީކޮށް ފަށައިފި އެވެ. ވީއައިއޭގެ ފާސިންޖަރުންނަށް ދޭ ހިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން ފެށި މި ހިދުމަތް ރަސްމީކޮށް އިފްތިތާހުކުރުމުގެ ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މޯލްޑިވްސް ނޭޝަނަލް އެއާ ޓްރެފިކް ސާވިސް (އެމްނެޓްސް)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާއެވެ. ހަފްލާގައި ވާޖިން އެޓްލާންޓިކްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވާފައިވާއިރު، އެ ފްލައިޓުން ދަތުރުކުރި 24 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދިނުން ކުރިއަށްގެންގޮސްފައެވެ. މީގެ އިތުރުން، ޓާމިނަލް 1 އަށް އެ އެއާލައިނުގެ ފުރަތަމަ ފްލައިޓުން ރާއްޖެއަށް އައި 258 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފައެވެ. މި ހަފްލާގައި ވާޖިން އެޓްލާންޓިކްގެ އެއާޕޯޓް މެނޭޖަރު އާސިމް ޝައިހްގެ އިތުރުން އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ވާޖިން އެޓްލާންޓިކްއަކީ ވީއައިއޭގެ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި އިނގިރޭސި ވިލާތުގެ ދެވަނަ އެއާލައިނެވެ. މިގޮތުން، އިއްޔެ މި ޓާމިނަލްއިން ވަނީ އިނގިރޭސި ވިލާތުގެ ބްރިޓިޝް އެއާވޭސްއަށްވެސް ހިދުމަތް ދޭން ފަށާފައެވެ. ވާޖިން އެޓްލާންޓިކްއިން ރާއްޖެއަށް ދަތުރުތައް ފެށީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 23 ވަނަ ދުވަހުއެވެ. އެމްއޭސީއެލް އިން ބުނިގޮތުގައި، ވާޖިން އެޓްލާންޓިކްއާއެކު ޓާމިނަލް 1 އިން މިހާރު ހިދުމަތްދޭ އެއަރލައިންތަކުގެ ޖުމްލަ އަދަދު ވަނީ 14 އަށް އަރާފައެވެ.



