މި އަހަރުގެ ކްރޫޒްލައިނާ ސީޒަން މިދިޔަ އޮކްޓޫބަރު މަހު ފެށުނު ފަހުން، މި ސީޒަންގެ ފުރަތަމަ ކްރޫޒްލައިނާ ކަމަށްވާ ‘އަޒަމަރާ ޕާސުއިޓް’ އިން ރާއްޖެ އައި 1،045 ކްރޫއާއި ފަސިންޖަރުންނަށް އިމިގްރޭޝަނުން ކްލިއަރެންސް ދީފިއެވެ.
އިމިގްރޭޝަނުން ބުނީ، މި ކްރޫޒްލައިނާގައި ތިބި 649 ފަސިންޖަރުންނާއި 396 ކްރޫއިންނަށް ކްލިއަރެންސް ދިނުމުގެ މަސައްކަތް ސީޕޯޓް ޑިވިޝަންގެ އޮފިސަރުން ކާމިޔާބު ކަމާއެކީ ނިންމާލާފައިވާ ކަމަށެވެ. މި ކްރޫޒްލައިނާ ރާއްޖެ އައީ މޮރިޝަސްގެ ޕޯޓް ލުއީއިން ފުރައިގެން ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.
އިމިގްރޭޝަނުން އިތުރަށް ބުނީ، މޮރިޝަސްއިން އައި ކްރޫޒްލައިނާއަކަށް ކްލިއަރެންސް ދިން މިއީ ފުރަތަމަ ފަހަރު ކަމަށެވެ.
މި ކްރޫޒްލައިނާއަށްފަހު، ދެވަނަ ކްރޫޒްލައިނާއެއް ދެން އަންނާނީ ޑިސެމްބަރު 17ގައެވެ. ‘އޯޝަން ސައިރީނާ’ ކިޔާ މި ކްރޫޒްލައިނާއިން ގާތްގަނޑަކަށް 1،175 ފަތުރުވެރިން އަންނާނެ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް މާޔާއިން ލަފާކުރެއެވެ.
އެންމެ ފަހުން މި އަހަރު ކްރޫޒްލައިނާއެއް އައީ މިދިޔަ އޭޕްރީލް މަހު ކަމަށެވެ.



