މޯލްޑިވިއަނުން ޅ. މަޑިވަރު އެއަރޕޯޓަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ނިންމައިފިއެވެ. ޤައުމީ އެއަރލައިނުން މިގޮތަށް ނިންމާފައިވަނީ އެ ސަރަހައްދަށް ދަތުރުކުރާ ފަސިންޖަރުންގެ ޑިމާންޑަށް ބެލުމަށްފަހުއެވެ. މި ބަދަލާއެކު، މަޑިވަރަށް ކުރާ ދަތުރުތައް މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން އިތުރުވާނެއެވެ.
މިހާރު މޯލްޑިވިއަނުން މަޑިވަރު އެއަރޕޯޓަށް ހަފްތާއަކު ދެ ދަތުރު ކުރަމުންދާއިރު، މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން ހަފްތާއަކު ތިން ދަތުރު ކުރާނެއެވެ. މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއެއްގެވެސް ހޯމަ، ބުދަ އަދި ހޮނިހިރު ދުވަހުއެވެ. މީގެ އިތުރުން މަޑިވަރަށް މޯލްޑިވިއަނުން ކުރާ ދަތުރެއްގެ އެއްކޮޅު ޓިކެޓުގެ އަގަކީ 799 ރުފިޔާ ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.
މޯލްޑިވިއަނަކީ އަބަދުވެސް ޑިމާންޑަށް ބަލައި ޢީދާއި ޗުއްޓީ ބަންދު ފަދަ ދުވަސްވަރު، ޑޮމެސްޓިކް އަދި އިންޓަރނޭޝަނަލް މަންޒިލްތަކަށް އިތުރު ދަތުރުތައް ބާއްވައެވެ.
1200 މީޓަރުގެ ރަންވޭއަކާއި، އެއަރ ކްރާފްޓްތައް ޕާކު ކުރާނެ ސަރަޙައްދަކާއި، ފަޔަރ ބިލްޑިންގއެއްގެ އިތުރުން ޒަމާނީ ފެންވަރުގެ ޓަރމިނަލަކާއި އެކު ޅ. މަޑިވަރު އެއަރޕޯޓު ހުޅުވީ 2022 ވަނަ އަހަރުއެވެ.



