ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓް (ވީއައިއައި) ގައި އަލަށް ތަރައްގީކުރި ޓާމިނަލް 1 އިން ފްރާންސްގެ ގައުމީ އެއާލައިން ކަމަށްވާ އެއާ ފްރާންސަށް ހިދުމަތް ދޭން ރަސްމީކޮށް ފަށައިފިއެވެ. މިއީ އާ ޓާމިނަލުން ހިދުމަތް ދޭން ފެށި 34 ވަނަ އެއާލައިނެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފައިވަނީ، އެމީހުންގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށް ވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ.
ޓާމިނަލް 1 އިން އެއާ ފްރާންސަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމުގެ ގޮތުން މިއަދު ވަނީ އެއާޕޯޓުގައި ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މަންޓާ އޭވިއޭޝަންގެ ޑެޕިއުޓީ ސީއީއޯ އަދި އެކައުންޓަބަލް މެނޭޖަރު އަހުމަދު މައުމޫނެވެ. އެއާ ފްރާންސް އަކީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި ފްރާންސްގެ ފުރަތަމަ އެއާލައިންކަން ފާހަގަކޮށްލެވެއެވެ.
ހިދުމަތް ދޭން ފެށުމުގެ ގޮތުން އެއާ ފްރާންސްގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވާފައިވާއިރު، އެ އެއާލައިނުން ފުރި 51 ފަސިންޖަރުންނަށް ވަނީ ހާއްސަ ހަދިޔާ ދީފައެވެ. އަދި ޓާމިނަލް 1 އަށް ކައިރިކުރި އެއާ ފްރާންސްގެ ފުރަތަމަ ފްލައިޓް ކަމަށްވާ އޭއެފް268 އިން ރާއްޖެ އައި 332 ފަސިންޖަރުންނަށް ސަގާފީ ހަރަކާތްތަކާ އެކު ހޫނު މަރުހަބާއެއް ވަނީ ކިޔައިފައެވެ.
އެއާ ފްރާންސް އަކީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް މުހިންމު އެއާލައިނެކެވެ. މި އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށާފައިވަނީ 2 ނޮވެންބަރު 2017 ގައެވެ. ވީއައިއޭގެ އާ ޓާމިނަލުން ދުނިޔޭގެ މަޝްހޫރު އެއާލައިންތަކަށް ހިދުމަތް ދިނުމަކީ ރާއްޖޭގެ އެއާޕޯޓްގެ ފެންވަރު އާލާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.



