ފަތުރުވެރިކަމުގެ ދާއިރާގެ ތަކެއްޗާއި ހިދުމަތްތަކުން ނަގާ ޓެކްސް (ޓީޖީއެސްޓީ) އިން ލިބުނު އާމްދަނީ އިތުރުވުމާ ގުޅިގެން، ދައުލަތުގެ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫއުތަކުގެ އަމަލީ މަސައްކަތްތައް ހަލުއިވާން ފަށާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން އާންމުކުރި ވީކްލީ ފިސްކަލް ރިޕޯޓުގައިވާ ގޮތުން، މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 36.9 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 11.5 އިންސައްތައިގެ ކުރިއެރުމެކެވެ.
އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓީޖީއެސްޓީގެ ގޮތުގައި ލިބުނު ފައިސާ އިތުރުވުމެވެ. ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި ޓީޖީއެސްޓީގެ ގޮތުގައި 10.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރަށްވުރެ 1.3 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މީގެ އިތުރުން ޓެކްސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީ ވެސް ވަނީ 21.2 ޕަސެންޓް އިތުރުވެ، 9.1 ބިލިއަން ރުފިޔާއަށް އަރާފައެވެ.
ޕީއެސްއައިޕީ މަޝްރޫއުތަކަށް ބަލާއިރު، މިހާތަނަށް ޖުމްލަ 7.5 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އޭގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ދަތުރުފަތުރުގެ ދާއިރާއަށެވެ. އެގޮތުން އެއާޕޯޓު ތަރައްގީ ކުރުމަށް 3.2 ބިލިއަން ރުފިޔާ އަދި ބްރިޖް މަޝްރޫއުތަކަށް 870.3 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. ސިއްހީ ދާއިރާގެ މަޝްރޫއުތަކަށް ކުރި ހޭދަ ވެސް ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 211.5 އިންސައްތަ އިތުރުވެފައެވެ.
ދައުލަތުގެ ހަރަދުތަކަށް ބަލާއިރު، ޖުމްލަ ހަރަދު ވަނީ 38.9 ބިލިއަން ރުފިޔާއަށް އަރާފައެވެ. މި ހަރަދުތައް އިތުރުވުމުގެ މައިގަނޑު ސަބަބަކީ ދަރަނީގެ ހިދުމަތަށް ކުރެވުނު ހޭދަ އިތުރުވުމެވެ. ނަމަވެސް، ސަބްސިޑީތަކަށް ކުރި ހޭދަ ވަނީ މިދިޔަ އަހަރަށްވުރެ 5.3 އިންސައްތަ ކުޑަވެފައެވެ. މިއީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ފާހަގަކުރެވޭ ބަދަލެކެވެ.
މި ރިޕޯޓުގައި ފާހަގަކޮށްފައިވާ އެންމެ މުހިންމު އެއް ކަމަކީ ދައުލަތުގެ ބަޖެޓް ޑެފިސިޓް ބޮޑުތަނުން ކުޑަވެފައިވުމެވެ. މިދިޔަ އަހަރު 11.5 ބިލިއަން ރުފިޔާގައި ހުރި ޑެފިސިޓް މިހާރު ވަނީ 2.0 ބިލިއަން ރުފިޔާއަށް ކުޑަވެފައެވެ. މިއީ ގާތްގަނޑަކަށް 82.5 އިންސައްތައިގެ ކުޑަވުމެކެވެ. މީގެ އިތުރުން، ދައުލަތުގެ ޕްރައިމަރީ ބެލެންސް ވެސް މިހާރު ވަނީ 2.5 ބިލިއަން ރުފިޔާގެ ސަރަޕްލަސްއަކަށް ބަދަލުވެފައެވެ.



