މި އަހަރުގެ މިހާތަނަށް އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި ދުވަހަކަށް އިއްޔެ ވެފައިވާ ކަމަށް ވިޒިޓް މޯލްޑިވްސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ އެކަނިވެސް ރާއްޖެއަށް 9،903 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަން ފެށިފައިވާއިރު، މިދިޔަ ހަފުތާ ބަންދަކީ ފަތުރުވެރިން ވަރަށް ގިނައިން އައި ދުވަސްތަކެއްކަން ފާހަގަކުރެވެއެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހު 8،368 ފަތުރުވެރިން އައިސްފައިވާއިރު، ހޮނިހިރު ދުވަހު 9،584 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ރެކޯޑުތަކުން ދައްކައެވެ. މިހާރު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު 7،000 އަށް ވުރެ ގިނަ ފަތުރުވެރިން އަންނަކަމަށް ވެސް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.
މި މަހުގެ މިހާތަނަށް ރާއްޖެއަށް 2 ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ ޑިސެންބަރު މަހާ އަޅާބަލާއިރު 8.2 އިންސައްތަ އިތުރު އަދަދެކެވެ. މުޅި އަހަރަށް ބަލާއިރު، މިހާތަނަށް ރާއްޖެއަށް ޖުމްލަ 2.2 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 2.0 މިލިޔަން ފަތުރުވެރިންނާ އަޅާބަލާއިރު 9.9 އިންސައްތައިގެ ކުރިއެރުމެކެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން މިއަހަރު ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންދާއިރު، މިދިޔަ އަހަރު 2 މިލިޔަން ފަތުރުވެރިން ހަމަވީ ޑިސެންބަރު 26 ގައެވެ.



