މިދިޔަ ބުރާސްފަތި ދުވަހު މަސްވެރިން ކިރުވި މަހަށް ޖުމްލަ 1.4 މިލިއަނަށް ވުރެ ގިނަ ރުފިޔާ މިފްކޯއިން ދޫކޮށްފިއެވެ. އެ ކުންފުނިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ފެބްރުވަރީ 5 ވީ ބުރާސްފަތި ދުވަހު ޖުމްލަ 26 ދޯންޏަކުން މަސް ކިރުވާފައިވެއެވެ. މީގެ ތެރޭގައި ކަޅުބިލަމަހާއި ކަންނެލި ހިމެނޭއިރު، އެދުވަހު ކިރުވި ހުރިހާ މަހަކަށް ވެގެން ޖުމްލަ 1,469,010.00 ރުފިޔާ މަސްވެރިންނަށް ވަނީ ދޫކޮށްފައެވެ.
ތަފްސީލީ ހިސާބުތަކަށް ބަލާއިރު، އެދުވަހު 20 ދޯންޏަކުން ކަޅުބިލަމަސް ކިރުވާފައިވާއިރު، އެ މަހަށް ވާ 1,318,324 ރުފިޔާ ވަނީ ދޫކޮށްފައެވެ. މީގެ އިތުރުން ކަންނެލި މަސްވެރިކަމަށް ބަލާއިރު، 10 ކިލޯއަށް ވުރެ މަތީގެ ކަންނެލި 12 ދޯންޏަކުން ކިރުވައި 57,256 ރުފިޔާ ވަނީ ހޯދާފައެވެ. އަދި 15 ކިލޯއަށް ވުރެ މަތީގެ ކަންނެލި 11 ދޯންޏަކުން ކިރުވާފައިވާއިރު، އެ މަހަށް ވާ 93,430 ރުފިޔާ ވެސް މަސްވެރިންނަށް ވަނީ ދޫކޮށްފައެވެ.
މަސްވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގެ މައި ބަދަ ކަމަށްވީ ނަމަވެސް، މީގެ ކުރިން މި ސިނާއަތަށް އެކަށީގެންވާ ސަމާލުކަމެއް ނުދެވި އޮތުމުގެ ސަބަބުން މަސްވެރިންގެ ޝަކުވާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
ނަމަވެސް މި ސަރުކާރުން ވަނީ މަސްވެރިންގެ މި ކަންބޮޑުވުންތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމުގެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސާފައެވެ.



