ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބިދޭސީން ވަޒީފާއަށް ގެނައުމުގައި ދައްކަންޖެހޭ ކޯޓާ ފީ ދައްކަން ނުޖެހޭ ގޮތަށް ވަޒީފާއާބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. މަޑަވެލި ދާއިރާގެ މެންބަރު މުޙައްމަދު ޝަމީޒު ހުށަހެޅުއްވި މި ބިލު، އަންގާރަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި 58 މެންބަރުންގެ އަޣުލަބިއްޔަތުން ވަނީ ބަލައިގެންފައެވެ. މި ބިލު މިހާރު ވަނީ އިތުރަށް ދިރާސާކުރުމަށް ޤައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީއަށް ފޮނުވާފައެވެ.
މި އިސްލާހުގައިވާ ގޮތުން، ކޯޓާ ފީ ދެއްކުމުން އިސްތިސްނާވާނެ ވިޔަފާރިތަކުގެ ބާވަތްތައް ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުންނެވެ. މިކަން ނިންމުމުގައި އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމުކުރުމަށާއި، އިޤްތިޞާދުގައި އެފަދަ ވިޔަފާރިތަކުގެ ދައުރު ފުޅާކުރުމަށް ރިއާޔަތްކުރަންޖެހެއެވެ. މީގެ އިތުރުން ބޮޑެތި ވިޔަފާރިތަކާއި ކުދި ވިޔަފާރިތަކުގެ ދެމެދުގައި އޮތް ފަރަޤު ކުޑަކޮށް، ވިޔަފާރީގެ ދާއިރާގައި އިޖާދީ ގޮތްތައް ހޯދުމަށް ހިތްވަރު ދިނުމަކީވެސް މި އިސްލާހުގެ މުހިންމު މަޤްޞަދެކެވެ.
މި ބަދަލަކީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވެފައިވާ މާލީ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ބައެކެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމުން، ބިދޭސީން ގެނައުމަށް ކޯޓާ ފީގެ ގޮތުގައި ބޮޑު ހޭދައެއް ކުރަންޖެހުމަކީ ވިޔަފާރިތަކުން ހުށަހެޅި އެންމެ ބޮޑު އެއް ކަންބޮޑުވުމެވެ. އެހެންކަމުން މި އިސްލާހަކީ ވިޔަފާރިތަކުގެ އެދުމުގެ މަތިން ގެނެވޭ ބަދަލެކެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. މި އިސްލާހު ޤާނޫނަކަށް ވެގެން އައުމުން، ވިޔަފާރިތަކުގެ ހިންގުމުގެ ޚަރަދު ކުޑަވެ، ދިގު މުއްދަތުގެ ވަޒީފާތައް އިތުރުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.



