ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތަރައްގީކޮށްފައިވާ ބައިނަލްއަގުވާމީ ޑިޖިޓަލް ވޮލެޓް ‘ސްވައިޕް’ އައްޑޫ ސިޓީއަށް ރަސްމީކޮށް ތައާރަފުކޮށްފިއެވެ. މި ހިދުމަތް އައްޑޫގައި ފައްޓަވައިދެއްވީ ރޭ ހިތަދޫ ސްކޫލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ދާހިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިހުސާނެވެ.
ސްވައިޕް އަކީ ދުނިޔޭގެ އެހެނިހެން މަޝްހޫރު ޑިޖިޓަލް ވޮލެޓްތަކުގެ ބަދަލުގައި ބޭނުންކުރެވޭނެ، ދިވެހިން އުފައްދާފައިވާ 100 އިންސައްތަ ދިވެހި އުފެއްދުމެކެވެ. މި ވޮލެޓް މެދުވެރިކޮށް ކަސްޓަމަރުންނަށް ވަގުތުން ފައިސާ ފޮނުވުމާއި، ދުނިޔޭގެ ކޮންމެ ގައުމަކުންވެސް އެމީހުންގެ މަލްޓި-ކަރަންސީ އެކައުންޓަށް ފައިސާ ލިބިގަތުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި ހިދުމަތުގެ އެންމެ ބޮޑު އެއް ފަސޭހައަކީ ދުނިޔޭގެ ކޮންމެ ބޭންކަކުން ދޫކޮށްފައިވާ ޑެބިޓް، ކްރެޑިޓް ނުވަތަ ޕްރީޕެއިޑް ކާޑެއް ބޭނުންކޮށްގެން ވެސް ‘ސްވައިޕް’ ވޮލެޓަށް ފައިސާ ޖަމާކުރެވޭނެ ކަމެވެ. މީގެ އިތުރުން، އެކައުންޓުން ކުރާ ހަރަދުތަކުގެ ތަފާސްހިސާބުތައް އަމިއްލައަށް ބަލައިލެވޭނެ އިންތިޒާމުވެސް މި އެޕްލިކޭޝަންގައި ވަނީ ހަމަޖައްސާފައެވެ.
ވިޔަފާރިތަކަށް ބަލާއިރު، އައްޑޫގެ ގާތްގަނޑަކަށް ހުރިހާ ވިޔަފާރިއަކުން މިހާރު ސްވައިޕް ބަލައިގަންނާނެއެވެ. ވިޔަފާރިތަކުން މި ހިދުމަތަށް ނަގާނީ އެންމެ 1 ޕަސެންޓް ފީއެއް ކަމަށާއި، މުއާމަލާތް ނިމުމާއެކު ވަގުތުން އެކައުންޓަށް ފައިސާ ޖަމާވާނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ. ފަރުދުންނަށް އެއްވެސް ފީއަކާ ނުލައި ފައިސާ ގެނައުމުގެ ފުރުސަތު އޮންނާނެއެވެ.
ސްވައިޕް އަކީ ވިޒިޓް މޯލްޑިވްސްގެ ރަސްމީ ވޮލެޓަށް ވުމާއެކު، މިއީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށްވެސް ފައިސާގެ މުއާމަލާތްތައް ހިންގުމުގައި ލިބޭނެ ވަރަށް ބޮޑު ލުޔެކެވެ. މި ވޮލެޓް ފަރުމާކޮށްފައިވަނީ ބައިނަލްއަގުވާމީ މާލީ މިންގަނޑުތަކަށް ފުރިހަމައަށް ފެތޭ ގޮތަށެވެ.



