ރަށްރަށަށް ލޯންޗު ފެރީއާއި ދޯނި ފެރީގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ކުރިއެކޭ އެއް ރޭޓެއްގައި ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސަމުންދާ ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ރޭ ބުނެފި އެވެ. މި ބަދަލަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން ދަތުރުފަތުރުގެ އަގުތަކަށް އަންނަ ބަދަލުތައް ކުޑަކުރުމަށް އެޅި ފިޔަވަޅެކެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު މިހާރު ވަނީ 100 ޑޮލަރަށްވުރެ މަތިވެފަ އެވެ. މީގެ ސަބަބުން ރާއްޖެއަށް ތެޔޮ އެތެރެކުރަން ޖެހޭ ހަރަދު ބޮޑުވެ، އެސްޓީއޯއިން އަތޮޅުތަކުގެ އަމިއްލަ ވިޔަފާރިތަކަށް ތެޔޮ ވިއްކާ އަގު ބޮޑުކުރުމުން، ލޯންޗު ފެރީގެ ހިދުމަތް ދޭ ފަރާތްތަކުން ވަނީ ދަތުރުތަކުގެ އަގު ވަރަށް ބޮޑަށް އުފުލާފަ އެވެ.
އެސްޓީއޯއިން ބުނީ ޕަބްލިކް ފެރީއާއި ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ އިތުރުން، އެސްޓީއޯއިން ގަނެގެން ރަށްރަށުގައި ހިންގާ ޝެޑްތަކަށް ވެސް ކުރީގެ ރޭޓުގައި ޕެޓްރޯލާއި ޑީސަލް ލިބޭނެ އިންތިޒާމު ހަމަޖައްސަމުންދާ ކަމަށެވެ. އަދި މަސްވެރިންނަށް ވެސް ‘ފަހި ހަކަތަ’ ޕްރޮގްރާމްގެ ތެރެއިން ކުރިއެކޭ އެއްގޮތަށް ސަބްސިޑައިޒްކުރެވިފައިވާ ރޭޓެއްގައި ތެޔޮ ލިބޭނެ ކަމަށް އެ ކުންފުނިން ކަށަވަރުކޮށްދެ އެވެ.
“މި ބަދަލުތައް މި ގެނެވުނީ އާންމުންނަށް މާލީ ގޮތުން ބުރައަކަށް ނުވާނެ ގޮތަށް ޕެޓްރޯލް އަދި ޑީސަލް ލިބޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް،” އެސްޓީއޯއިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ތެލުގެ އަގަށް އައި ބަދަލާއެކު އަތޮޅުތަކުގެ ފެރީ ދަތުރުތަކުގެ އަގު ވަނީ ދެގުނައާ ގާތްކުރާ މިންވަރަށް ބޮޑުވެފަ އެވެ. އެގޮތުން ބ. އަތޮޅުގެ ދަތުރުތައް 600ރ. އިން 900ރ. އަށް، ޅ. އަތޮޅުގެ ދަތުރުތައް 500ރ. އިން 850ރ. އަށް އަދި ތ. އަތޮޅުގެ ދަތުރުތައް 800ރ. އިން 1300ރ. އަށް ވަނީ އުފުލިފަ އެވެ. އެސްޓީއޯގެ އާ ނިންމުމާއެކު މި އަގުތައް އަލުން ދަށްވާނެ ކަމަށް ބެލެވެ އެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވި ނަމަވެސް ރާއްޖޭގެ ބާޒާރުގައި އަގު ހިފެހެއްޓުމަށް ސަރުކާރުން ފިޔަވަޅުތައް އަޅާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވެސް ވަނީ ދާދި ފަހުން ވިދާޅުވެފަ އެވެ. މިނިސްޓަރު ވިދާޅުވީ އެސްޓީއޯއަށް ލިބޭ ފައިދާއިން ބައެއް ހިމަނައިގެން ތެލުގެ ސަބްސިޑީ އިތުރުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.



