މި އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 684,908 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މީގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ.
ޗައިނާއަކީ މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ފުރަތަމަ ޤައުމެވެ. އެގޮތުން ޗައިނާއިން 100,185 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ ރާއްޖެއަށް އައި ޖުމްލަ ފަތުރުވެރިންގެ 15 އިންސައްތައެވެ. ލިސްޓުގެ ދެވަނައިގައި 84,739 ފަތުރުވެރިންނާއެކު ރަޝިއާ އޮތްއިރު، ތިންވަނައިގައި އޮތީ 65,105 ފަތުރުވެރިންނާއެކު އިނގިރޭސިވިލާތެވެ. މީގެ އިތުރުން އިޓަލީ އަދި ޖަރުމަނުވިލާތަކީވެސް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމުތަކެވެ.
ފަތުރުވެރިން ރާއްޖެއަށް އެތެރެވި ގޮތަށް ބަލާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އެ އެއާޕޯޓުން 666,691 ފަތުރުވެރިން ރާއްޖެއަށް އެތެރެވިއިރު، ގަން އިންޓަނޭޝަނަލް އެއާޕޯޓުން 2,813 ފަތުރުވެރިން އަދި މާފަރު އިންޓަނޭޝަނަލް އެއާޕޯޓުން 2,620 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން 4 ލައްކައަށްވުރެ ގިނަ މީހުން ރިސޯޓުތަކުގައި ޗުއްޓީ ހޭދަކޮށްފައިވާއިރު، ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ވަނީ ގެސްޓްހައުސްތަކުގައި މަޑުކޮށްފައެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ފުޅާވަމުން އަންނައިރު، މިވަގުތު ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި ޖުމްލަ 1,298 ތަނެއް ވަނީ ހުޅުވާފައެވެ.



