ގައުމީ އެއާލައިން، މޯލްޑިވިއަނުން އަންނަ މަހުގެ ތެރޭގައި އޮސްޓްރޭލިއާއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ. އެ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އިން ހާމަކޮށްފައިވާ ގޮތުގައި، މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 17 ވަނަ ދުވަހުއެވެ.
މޯލްޑިވިއަނުން އޮސްޓްރޭލިއާއަށް ކުރާ މި ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ވެރިރަށް މާލެއާއި އޮސްޓްރޭލިއާގެ މެލްބަންއާ ދެމެދުގައެވެ. މިގޮތުން ކޮންމެ ހަފުތާއަކު އެއް ދަތުރު ބޭއްވުމަށް ނިންމާފައިވާއިރު، ފުރަތަމަ ފްލައިޓް އެނބުރި ރާއްޖެ އައުމަށް ތާވަލުކޮށްފައިވަނީ މެއި މަހުގެ 19 ވަނަ ދުވަހުއެވެ. އަދި މި ދަތުރުތަކަށް އޮންނަ ޑިމާންޑަށް ބަލައި، ކުރިއަށް އޮތް ތަނުގައި ދަތުރުތައް އިތުރުކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށްވެސް އެ އެއާލައިނުން ބުނެއެވެ.
ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ސީދާ ވައިގެ ދަތުރުތައް ފެށުމަށްޓަކައި ދެ ގައުމުގެ ދެމެދުގައި “ބައިލެޓަރަލް އެއާ ސާވިސަސް އެގްރީމަންޓް” އެއްގައި ސޮއިކޮށްފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ. .
މޯލްޑިވިއަނުން އޮސްޓްރޭލިއާއަށް ކުރާ ދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ވައިޑް-ބޮޑީ މަތިންދާބޯޓެވެ. މިހާރުވެސް މޯލްޑިވިއަނުން އަންނަނީ ޗައިނާ، އިންޑިއާ އަދި ބަންގްލަދޭޝް ފަދަ ގައުމުތަކަށް ޝެޑިއުލް ދަތުރުތައް ބާއްވަމުންނެވެ.



