މި އަހަރުގެ މިހާތަނަށް ކްރޫޒްލައިންތަކުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 178 އިންސައްތަ އިތުރުވެފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފަތުރުވެރިކަމާ މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ރިޕޯޓުތަކަށް ބަލާއިރު، މިދިޔަ އޭޕްރީލް މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ކްރޫޒްލައިންތަކުގައި 10,351 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި ގޮތަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 3,753 ފަތުރުވެރިންނެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން، މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 758,753 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މީގެ ތެރެއިން ކްރޫޒްލައިންތަކުގައި އައި ފަތުރުވެރިންގެ ނިސްބަތަކީ 1.4 އިންސައްތައެވެ. މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ވައިގެ މަގުން އަންނަ ފަތުރުވެރިންގެ އަދަދަށް ބަދަލުތަކެއް އައި ނަމަވެސް، ކްރޫޒްލައިންތަކުން އަންނަ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.
ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ލިސްޓުގެ ކުރީގައި އުޅެނީ ޗައިނާ އެވެ. އެ ގައުމުން 111,380 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ދެވަނައިގައި އޮތް ރަޝިއާ އިން 95,645 ފަތުރުވެރިން ވަނީ އައިސްފައެވެ.
މީގެ އިތުރުން އިނގިރޭސިވިލާތުން 70,288 ފަތުރުވެރިން، އިޓަލީވިލާތުން 63,144 ފަތުރުވެރިން އަދި ޖަރުމަނުވިލާތުން 51,113 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މި ލިސްޓުގައި ދެން ހިމެނެނީ އިންޑިއާ، ފްރާންސް، އެމެރިކާ، ސްވިޒަލޭންޑް އަދި އޮސްޓްރޭލިއާއެވެ.



