ދިވެހި ޒުވާން ކުރުހުންތެރިޔާ ހުސެން އިއްފަލް (އިއްފަ) ގެ ސޯލޯ އެގްޒިބިޝަން ފެށުމަށް ތައްޔާރުވެއްޖެ އެވެ.
މިމަހުގެ 4 ން 16 އަށް ކުރިއަށްދާ މި އެގްޒިބިޝަންގެ ތީމް އަކީ “ސެރެނިޓީ” ނުވަތަ “ހަމަހިމޭން” ކަމެވެ. މި ތީމްގެ ދަށުން ރާއްޖޭގެ ރަށްތަކުގެ ހަމަހިމޭންކަން ދައްކުވައިދޭ އޮއިލް އަދި ކެންވަސް ސީރީޒްއެއް ދައްކާލުމަށް ވަނީ ހަމޖެހިފައެވެ.
ނެޝަނަލް އާރޓް ގެލެރީގައި މި އެގްޒިބިޝަން ކުރިއަށްދާނީ ކޮންމެ ދުވަހެއްގެ ވެސް 10:00 އިން 22:00 އަށެވެ. މިއީ މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީ – މެކް އާއި ނެޝަނަލް އާޓް ގެލެރީގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ އެގްޒިބިޝަނެކެވެ.
ވިޒުއަލް އާޓްސްގެ ދާއިރާއިން، ފައިން އާޓްސް (ލިޔުމާއި ކުރެހުމާއި ފަރުމާކުރުން) ގެ ރޮނގުން ގައުމީ އިނާމު ހާސިލުކޮށްފައިވާ އިއްފައަކީ މޫދު އަޑީގެ ތަފާތު ކުރެހުންތަކަށް މަޝްހޫރު އާޓިސްޓެކެވެ. އަދި އޭނާ ފާހަގަވެފައި ވަނީ މޫދުއަޑީގައި ކުރެހި، އޭޝިއާ ސަރަހައްދުގެ ފުރަތަމަ އާޓިސްޓުގެ ގޮތުގައެވެ.